އޮންލައިންގައި ބައެއް މީހުން އެމީހުން ނުވެސް ދަންނަ މީހުންނާ ދިމާލެއް ވަރަށް ހަޑި ހުތުރު ބަހުން ފާޑުފާޑުގެ ކޮމެންޓުތައް ކުރުމަކީ ވަރަށް އާއްމު ކަމެކެވެ. މީހުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުން ވެސް ސޯޝަލް މީޑިއާގައި ހަމަ އެހާމެ އާއްމެވެ. ކުރެވޭ އެންމެ ކޮމެންޓަކުން ވެސް އެ ވާހަކަތައް ރައްދުވާ މީހާއަށް ކޮށްފާނެ ނަފްސާނީ އަސަރުތަކަކާ މެދު ކޮމެންޓުކުރާ މީހުން މާ ބޮޑަކަށް ނުވިސްނަ އެވެ.
މަލާމާތްކޮށް ނުވަތަ ނެގެޓިވް ކޮމެންޓްތައް ކުރާތީ ދެރަ ވެގެން ބައެއް މީހުން ސޯޝަލް މީޑިއާ ދޫކޮށްލާއިރު އަނެއް ބަޔަކު އެއީ މާ ބޮޑު ކަމަކަށް ނުހަދަ އެވެ. ނެގެޓިވް ކޮމެންޓް ކުރާ މީހުން އެއްޗެއް ކިޔާތޯ ނުކިޔާތޯ ވެސް އެ މީހުން ބަލައެއް ނުލަ އެވެ. ނަމަވެސް މަލާމާތްކޮށް ޓްރޯލްކުރާ މީހުންނާ ކެރިގެން ކުރިމަތިލާ ޖަވާބު ދޭ މީހުން ވެސް ސޯޝަލް މީޑިއާގައި އުޅެ އެވެ. އެމީހުންނާ ދިމާލަށް މަލާމާތްކުރާ މީހުންނަށް އެމީހުން ވަރަށް ކެރިގެން ކުރިމަތިލަ އެވެ.
މެލީސާ ބްލޯކް ކިޔާ އަންހެނަކާ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޖައްސާލައި އޭނާއަށް މަލާމާތް ކުރަން ފެށީ "މާ ހުތުރު" ކަމުންނެވެ. އޭނާއަށް މަލާމާތްކުރި މީހުން މައިތިރިކޮށްލަން މެލީސާ ކުރިކަމަކީ މިފަދަ މަލާމާތުގެ ޝިކާރައަކަށްވާ ކޮންމެ މީހަކަށް ވެސް އެކަމުން ހިތްވަރު ލިބިގެންދާނެ ކަމެކެވެ.
މެލީސާ ބުނި ގޮތުގައި އޭނާ ސޯޝަލް މީޑިއާއަށް ފޮޓޯ ލަނީ އެހެން މީހުންނަށް އޭނާ ދައްކާލަން ބޭނުން ވެގެންނެވެ. އެއީ ކޮންމެހެން އޭނާ ބުއްދި ގޯސް ވެގެން ކުރާ ކަމެއް ނޫނެވެ. މިކަމުގައި އޭނާ ދެކޭ ގޮތް ތަފާތުވީމަ ކުރާ ކަމެކެވެ. އޭނާގެ ނަޒަރުގައި އޭނާ އެ ކުރަނީ ވަރަށް ޕްރެކްޓިކަލް ކަމެކެވެ.
"އަހަރެން ބޭނުންވަނީ އެކި އެކި އައިބުތައް ހުރުމުގެ ސަބަބުން ސިފައަށް ބަދަލު އައިސްފައިވާ މީހުންނަކީ ވެސް އިންސާނުން ކަމާއި އެމީހުންގެ ސިފަ ކޮންމެ ގޮތަކަށް ހުއްޓަސް އެމީހުންނަށް ވެސް އާދައިގެ ދިރިއުޅުމެއް ސިފަ ރީތިކޮށް ތިބޭ މީހުންނެކޭ އެއްގޮތަށް އުޅެވެން ޖެހޭނެކަން ބުނެދޭން. މިކަން ކުރެވޭނީ ތަފާތު އައިބުތައް ހުންނަ މީހުން ތިބޭ ސިފަ ވެސް ބަލައިގެން،" މެލީސާ ބުންޏެވެ.
މެލީސާ އަކީ އުފަންވީއިރުވެސް ފްރީމަން ޝެލްޑަން ސިންޑްރޯމް ޖެހިފައިވާ މީހެކެވެ. މިއީ ޖެނެޓިކް ގޮތުން ކަށިތަކާއި މަސްތަކުގެ ޑިސްއޯޑާ އެކެވެ. މި ބަލީގެ މީހުންގެ ބައެއް ހުޅުތަކާއި ކަށިތައް އުފެދިފައި ހުންނަނީ އައިބުކޮށެވެ. އަދި ބޮލާއި މޫނުގެ ކަށީތަކާއި މަސްތައް ވެސް އުފެދިފައި ހުންނަނީ އައިބު ކޮށެވެ.
މިދިޔަ އޮގަސްޓް މަހު މެލީސާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އިދިކޮޅު ލިޔުމެއް ސީއެންއެން ގައި ލިޔެފަ އެވެ. އެއާއެކު އޮންލައިންގައި އޭނާއަށް ޓްރޯލް ކުރުމުގެ ވަރުގަދަ އޮއިވަރެއް ހިނގަން ފެށި އެވެ.
ޔޫޓިއުބުގައި ވެސް ވަރަށް މަޝްހޫރު މެލީސާ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް އަބަދުވެސް ސޯޝަލް މީޑިއާގައި ޝެއާ ކުރެ އެވެ. މި ފޮޓޯތަކަށް 100 އަށް ވުރެ ގިނަ މީހުން ނެގެޓިވް ކޮމެންޓްތައް ކޮށްފައި ވެއެވެ. ބައެއް މީހުން އޭނާއާ ދިމާލަށް "ވޭލް" އެކޭ ކިޔައި މަލާމާތް ކުރިއިރު އަނެއް ބަޔަކު "ބްލޮބްފިޝް" އެކޭ ވެސް ކިޔާފައި ވެއެވެ.
"މަލާމާތްކުރަމުން ބައެއް މީހުން ކޮމެންޓްކޮށްފައި ހުރި އަހަރެންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން މަނާ ކުރަން ޖެހޭނޭ ކިޔާފައި ވެސް. އެއީ އަހަރެން މާ ބޮޑަށް ހުތުރުވީމަޔޯ! އެމީހުންނަށް ޖަވާބުދިނުމުގެ މަސައްކަތް އަހަރެން އެންމެ ފުރަތަމަ ފެށީ ވެސް ތިން ސެލްފީ ޝެއާ ކޮށްލާފައި،" ޓްރޯލް އަށް ޖަވާބު ދޭ ގޮތް ކިޔައިދެމުން މެލީސާ ބުންޏެވެ.
މެލީސާ، 39، އަށް މިދިޔަ އަހަރުއްސުރެ މީހުންގެ ފުރައްސާރަ އާއި މަލާމާތް އިންތިހާއަށް ކުރިމަތިވެފައިވާއިރު ހަމަ ކޮންމެ ދުވަހަކުވެސް އޭނާ އެމީހުންނަށް ޖަވާބު ދެމުން ގެންދެ އެވެ. ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުވެސް އޭނާގެ ސެލްފީއެއް ޕޯސްޓް ކޮށްލައިގެނެވެ.
މިހެން ހަދަން ފެށުމުން އޭނާއަށް މަލާމާތްކުރާ މީހުންނަށް ވުރެ ތާއީދުކުރާ މީހުން އެތައް ގުނައެއް އިތުރުކަން މެލީސާ އަށް ޔަގީންވި އެވެ. ސޯޝަލް މީޑިއާގައި އޭނާ ފޮލޯކުރާ މީހުން މިހާރު 1،00،000 އަށް ވުރެ ގިނަ އެވެ. ނަމަވެސް މަލާމާތް ކުރަނީ 100 ވަރަކަށް މީހުންނެވެ.
"މިދިޔަ އަހަރު އެއްކޮށްވެސް އަހަރެން ގަވާއިދުން ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން ސެލްފީއެއް ޕޯސްޓް ކުރަން. މިހާރު މިކަން ވެފައިވަނީ އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަކަށް. އަދި ވަރަށް ރަނގަޅު ފިލާވަޅުތަކެއް ވެސް މިކަމުން އަހަންނަށް ދަސްވެއްޖެ،" އޮންލައިން ސައިޓެއް މެލީސާ ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވެއެވެ.
"މިއަދަކީ ނޭޝަނަލް ބޯއިފްރެންޑް ޑޭ. އެހެންވެ އަހަރެން އަޑުއެހި ވާހަކައެއް ބުނަން މިއުޅެނީ. އެއްގޮތަކަށް ވެސް ފޮޓޯ ފިލްޓާ ކޮށްގެން އެހެން މީހަކު ފޫލް ހެއްދިޔަ ނުދޭތި. އަހަރެން މިއުޅެނީ ތި މީހުން ބިރުގަންނަވާކަށް ނޫން،" އޮކްޓޯބަރު ހަތަރު ވަނަ ދުވަހު މެލީސާ ޕޯސްޓްކުރި ސެލްފީގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.
މެލީސާގެ ސިއްހީ މައްސަލަތަކުގެ ސަބަބުން ދިމާވާ އެކި ކަންކަން ހައްލުކުރަން މިހާތަނަށް 26 އޮޕަރޭޝަނެއް ކޮށްފައި ވެއެވެ. އޭނާގެ އަމިއްލަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން މެލީސާ ފެށީ އޭގެން ޕޮޒިޓިވް އަސަރުތަކެއް އޭނާއަށް ކުރާކަމަށް ފެންނާތީ އެވެ.
މެލީސާ ކަހަލަ ހިތްވަރުގަދަ މީހަކު ވަރަށް މަދުވާނެ އެވެ. މަލާމާތްކުރާ މީހުންގެ މޫނުގައި ތަފާލެއް ޖަހާލަން ކެރޭ މީހެކެވެ.