ހަބަރު

ޑުރަގާއެކު ހުޅުމާލޭން ހައްޔަރުކުރި މީހުންގެ މުއްދަތު ޖަހައިފި

ކުއްތާ ބޭނުން ކޮށްގެން މި މަހުގެ ހަތަރު ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ހަތަރު މީޙުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 29 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ އަންހެނެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.

ފުލުހުން ބުނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބަން އެ ހަތަރު މީހުންގެ ތެރެއިން އަންހެން މީހާގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ބާކީތިބި ތިން މީހުންގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންތަކުގައި ހުޅުމާލޭގެ ތިން ފްލެޓެއް ބަލައި ފާސްކޮށްފައިވެ އެވެ.