ފިހާރަތަކުން ވައްކަން ކުރުމަކީ މަނާ ކަމެއް ނަމަވެސް މިއީ ބައެއް މީހުން އެއްވެސް ޖެހިލުމެއް ނެތި ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ކިމް ރިޗަޑްސަން ކިޔާ މި އަންހެންމީހާ އަކީ މިކަމުގައި ވެސް އަރާހުރި މީހެކެވެ. އޭނާ ފިހާރަތަކުން ވަގަށް ނަގާ ތަކެތި އީބޭގައި ވިއްކައިގެން މިހާތަނަށް 3.8 މިލިއަން ޑޮލަރު ހޯދައި ބޮޑު މުއްސަންޖަކަށް ވަނީ ވެފަ އެވެ.
އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ ކިމް ފިހާރަތަކުން ވައްކަން ކުރާތާ މިހާރު 19 އަހަރު ވެއްޖެ އެވެ. މި އަންހެންމީހާގެ ކަމަކީ އެއްޗެތި ވަގަށް ނަގައިގެން ގެނެސް އީކޮމާސް ޕްލެޓްފޯމްތަކުގައި ވިއްކުމެވެ.
ކިމް، 63، މި މަސައްކަތް ފެށިއިރު ވެސް އުމުރުގެ 40 ގެ އަހަރުތަކަށް އަޅާފައި ވެއެވެ. ނަމަވެސް މިހާ ދުވަހު ވައްކަން ކުރިއިރުވެސް އޭނާ ހިފިފައެއް ނެތެވެ. މިހާރު ކިމްގެ މައްސަލަ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިންނާއި ސީކްރެޓް ސާވިސް އިން ތަނީ ތަހުގީގު ކުރަމުންނެވެ.
ކިމް މި ވައްކަން ކުރާތާ ގިނަ އަހަރުތަކެއް ވެފައި ވުމާއި އެ ތަކެތި އެތައް ހާސް ބަޔަކަށް ވިއްކާފައިވާތީ އޭނާ ތަކެތި ވަގަށް ނެތި ފިހާރަ ތަކާއި އެ ތަކެތި ވިއްކި މީހުން ހޯދުމަކީ މިހާރު ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މި މައްސަލަ ބަލަމުންދާ ކޯޓުން ބުނެފައި ވެއެވެ.
ޑެލަސްގައި ދިރިއުޅޭ ކިމް ވަނީ އެމެރިކާގެ އެކި ސްޓޭޓްތަކަށް ދަތުރުކޮށް އެ ސްޓޭޓްތަކުގެ އެކި ފިހާރަތަކުން ވައްކަން ކޮށްފަ އެވެ.
މިގޮތަށް ކުރާ ދަތުރުތަކުގައި ބައެއް ފަހަރު އޭނާ ވަންނަނީ ވަރަށް އަގުބޮޑު އެއްޗެތި ވިއްކާ ފިހާރަ ތަކަށެވެ. އަނެއްބައި ފަހަރު ތަންކޮޅެއް އާދައިގެ އެއްޗެތި ވިއްކާ ފިހާރަ ތަކަށެވެ. މި ތަކެތި ވަގަށް ނަގައިގެން ގެނެސް އޮންލައިންކޮށް ވިއްކާލުމަށްފަހު ތަކެތި ގަންނަ ފަރާތްތަކަށް އެ އެއްޗެތި ފޯރުކޮށްދިނުމަށް ސަރުކާރާއި ޕްރައިވެޓް ކޫރިއާ ސާވިސްތައް ކިމް ބޭނުންކުރަމުން ގޮސްފައި ވެއެވެ.
ކިމްގެ ގޮތުގައި ފިހާރަތަކުން ވައްކަން ކުރަން ބޭނުންކުރާނެ ވަރަށް ރަނގަޅު ޓޫލްއެއް އޮވެ އެވެ. މި ޓޫލުން ސެކިއުރިޓީ ޑިވައިސްތައް މަސައްކަތް ނުކުރާގޮތް ހަދާލެވެ އެވެ. އަދި ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގައި އަޅުވާފައި ހުންނަ އިލެކްޓްރޯނިކް ޓެގްތައް ވެސް މަސައްކަތް ނުކުރާ ގޮތް ހަދާލެވެ އެވެ.
ކޮންމެ ފިހާރައަކަށް ވައްކަން ކުރަން ވަންނައިރުވެސް ކިމް ގެންގުޅެނީ އެއް ދަބެހެކެވެ. އެއީ ކަޅުކުލައިގެ ވަރަށް ބޮޑު ދަބަހެކެވެ. އެ ދަބަހަށް އޭނާ ބޭނުންވާ ހުރިހާ އެއްޗެއް އަޅައިގެން ކިމް ނުކުމެގެން ދާއިރު އެއްވެސް ކަމެއް ވީހެން ހީވެސް ނުވެ އެވެ. އަދި ފިހާރައިގައި ތިބޭ މުވައްޒަފުންނަށާއި ވިޔަފާރިކުރަން ވަދެ ތިބޭ މީހުންނަށް ވެސް ކުޑަވެސް ޝައްކެއް ވެސް ނުވެ އެވެ. ސެކިއުރިޓީ ކެމެރާ މަސައްކަތް ނުކުރާ ގޮތް ހަދާފައި ހުރުމާއި އެއްވެސް ސެކިއުރިޓީ ޓެގެއް ރީޑް ނުކުރާތީ އެވެ.
އެންމެ ފަހުން ކިމް އަތުލައިގަނެވުނީ ދާދި ފަހުންނެވެ. މި މައްސަލައިގެ ތަހުގީގަށް ކިމް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ 2000 ގެ އޮގަސްޓް މަހުން ފެށިގެން 2019 ގެ އޭޕްރީލް އާ ހަމައަށް އޭނާ ފިހާރަތަކުން ވައްކަން ކޮށް އެ ތަކެތި އޮންލައިންކޮށް ވިއްކާފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިއްކާފައިވާ ތަކެއްޗަށް ޕޭޕަލްގައި އޭނާ ރިޗަޑްސަންގެ ނަމުގައި ހުޅުވާފައިވާ ހަތަރު އެކައުންޓަކަށް 3.8 މިލިއަން ޑޮލަރު ވަދެފައި ވެއެވެ.
ކިމް އަށް ހުކުމް ކުރަމުން ކޯޓުގެ ފަނޑިޔާރު ވިދާޅުވީ 54 މަހު އޭނާ ފެޑެރަލް ޖަލުގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ޖަލުން ދޫކޮށްލުމަށްފަހު ވެސް އިތުރު ތިން އަހަރު އޭނާ އުޅޭ ގޮތް ސުޕަވައިޒް ކުރަން ޖެހޭނެ ކަމަށެވެ. ކިމް އަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.