ވެށި ސާފު ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ޕާކުތައް ކުނި ކަހާ ބަލަހައްޓާނެ ފަރާތްތަކާއި އަދި ހުޅުމާލޭގެ ރުއްތައް ސާފު ކުރާނެ ފަރާތްތެއް ހޯދަން އިުއލާން ކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ވެށި ސާފު ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ބަލާ މި ޕްރޮގްރާމްގެ ދެވަނަ ބުރަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެހެން ނަމަވެސް، ފުރަތަމަ ބުރުގައި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކުން އިތުރަށް ނަންނޯޓް ކުރަން ނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމަކީ ހުޅުމާލޭގެ ޕާކުތައް އަދި ރުއްތައް ސާފުކޮށް ބެލެހެއްޓުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި، ހުޅުމާލެއަކީ ސާފު ސިޓީއަކަށް ހެދުމުގައި މުޖުތަމައުގެ ޒިންމާއާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި މުޖުތަމައުގެ ފަރުދުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށ ްއެޗްޑީސީން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ޕާކްތައް ސާފު ކުރުމަށް ދެ ޖިންސުގެ ދިވެހި 30 މީހުން ބޭނުންވާ ކަމަށާއި މިކަމަށް ކުރިމަތިލާ މީހުންނަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުން ކަމުގައި ވާންވާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ހުރި ރުއްތަށް ސާފްކުރުމަށް ތިން މީހަކު ބޭނުންވާ ކަމަށެވެ.
އެމީހަކާއި ހަވާލުކުރެވޭ ޕާކެއް ނުވަތަ ޕާކުގެ ބައި ކޮންމެ ދުވަހެއްގެ ހަވީރު 3:00 ގެ ކުރިން ކުނިކަހާ ސާފުކުރަން ވާނެ ކަމަށާއި ހުޅުމާލޭގައި ހުރި ރުއްތައް ސާފުކޮށް ބަލަހައްޓަން ޖެހޭނެ ކަމަށެވެ، އަދި ޕާކުތެރޭގައި ހެދިފައި ހުންނަ ވިނަތައް އުފުރާ ސާފުކޮށް ޕާކުތެރޭގައި ހައްދާފައި ހުންނަ ގަސްތަކަށް ފެންޖަހަން ޖެހޭނެ ކަމަށްވެސް އެޗްޑިސީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ވަކި ގަޑިއެއް ހަމަޖެހިފައިނުވާ މި މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި މަހަކު 4،800 ރުފިޔާ ދޭނެ އެވެ.