ވާހަކަ

ފަޅިކޭތަ

(ފަހު ބައި)

އިސްމާއިލްގެ ވިންދުތައް އަވަސްވީއެވެ. އޭނާ ހާސްވެ ކަންބޮޑުވާން ފެށީއެވެ. ސާޔާގެ ވާހަކަތައް ނަފީސާއަށް އެނގުނީ ކަމަށް ނިންމީއެވެ. އެގޮތަށް ގަބޫލުކުރީއެވެ.

އިސްމާއިލް ލަސްލަހުން ކޮޓަރިއަށް ވަދެ ނަފީސާ ގާތުގައި އިށީނެވެ. ހީވަނީ މައްޔިތަކު އެނދުގައި އިށީންހެންނެވެ. އެއްވެސް ދިރުމެއް ނެތެވެ. ހަރަކާތެއް ނެތެވެ. ނަފީސާ ދެ ލޯ ފޮހެލިއެވެ. އޭނާ ބަލައިލީ އިސްމާއިލްގެ މޫނަށެވެ.

"އިސްމާލޫ.. ސާރާ..." ނަފީސާ ފޯނު ކަންފަތުން ނައްޓައިލަމުން އިސްމާއިލްގެ ގައިގައި އޮޅުލައިގަތެވެ.
އިސްމާއިލްގެ ދެ ލޯ ބޮޑުވިއެވެ. އޭނާގެ ވިންދުތައް އަވަސްވިއެވެ. ލިބުނު ހައިރާންކަމާއެކު އޭނާއަށް ބަލައިލެވުނީ ނަފީސާގެ މޫނަށެވެ.
"ކިހިނެއްވީ؟ ސާރާ ކިހިނެއްވީ؟" އަވަސް އަވަހަށް އިސްމާއިލް އަހައިލިއެވެ.
"މި މަ ބުނި ދުވަސް." ނަފީސާ ގިސްލަމުން ގިސްލަމުން ބުނެލިއެވެ.
"ބަލަ ކިހިނެއްހޭވީ؟" އިސްމާއިލް ދެރަ ނުވާކަމަށް ހެދެމުން އަހައިލިއެވެ.
"އެފަކީރު ހަލާކުވަނީ. ހުރިހާ ކަމެއް ވެސް ވެއްޖެ. ނުވާ އެއްވެސް ކަމެއް ނެތް،" ނަފީސާ ރޮމުން ގިސްލަމުން ބުނެލިއެވެ. "ސާރާ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީފި. އޭނާ ބޭނުންވަނީ މާލެ އަންނަން."
"ވަހީދު ކަމެއް ކުރީތަ؟" އިސްމާއިލަށް އަހައިލެވުނެވެ.
"ވަހީދު އެކަނި ރަނގަޅު ވެގެންފުދޭތަ؟ ވަހީދަކީ ރަށުގައި އުޅޭ މީހެއްތަ؟" ޝަކުވާގެ ރާގުގައި ނަފީސާ ބުނެލިއެވެ. އިސްމާއިލާއި ނަފީސާއަށް ސިހުންލިބުނެވެ. ގޭގެ މައި ދޮރުގައި މީހަކު ޖަހައިލި އަޑު އިވުމުންނެވެ. އިސްމާއިލް ބަލައިލީ ނަފީސާގެ މޫނަށެވެ. ނަފީސާއަށް ވެސް ބަލައިލެވުނީ އިސްމާއިލްގެ މޫނަށެވެ.
"ކާކު؟" އިސްމާއިލް ލޮލަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ.

ބަދަލުގައި ނަފީސާ އަނގައަކުން ނުބުނެއެވެ. އޭނާ ކޯތާފަތް މައްޗަށް އޮހެމުން ދިޔަ ކަރުނަތައް ދެ އަތުން ފޮހެލިއެވެ. އިސްމާއިލް އެނދުން ތެދުވިއެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން މައިދޮރާ ދިމާއަށް ހިނގައިގަތެވެ. ނަފީސާ ވެސް އިސްމާއިލްގެ ފަހަތުން ހިނގައިގަތެވެ. ތެޅިތެޅި އޮތް ހިތަކައިގެންނެވެ. އިސްމާއިލް ދޮރާހަމައަށް ގޮސް އެނބުރި ބަލައިލިއެވެ. ނަފީސާގެ މޫނަށެވެ. ނަފީސާ ލަސްލަހުން ހިންދިރުވާލިއެވެ. އަނެއްކާ ވެސް ދޮރުގައި ޖަހައިލިއެވެ. އިސްމާއިލް ދޮރު ހުޅުވާލިއެވެ.

ދޮރުހުޅުވާލުމާއެކު އިސްމާއިލްގެ ދެ ލޯ ބޮޑުވިއެވެ. އޭނާ ގަނޑުވިއެވެ. ހަރަކާތްތައް ހުއްޓި މީހާގެ ނޭވާ ވެސް ހުއްޓެން އުޅުނު ކަހަލައެވެ. ކުރިމަތީގައި ހުރީ ސާދާއެވެ. ސާދާގެ މޫނު ފެނުމުން ކަމެއް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. އިސްމާއިލަށް ބަލައިލެވުނީ ސާދާގެ ކައިރީގައި ހުރި ފޮށްޓަށެވެ.

"ބައްޕާ." ސާދާ ރޮމުން ގިސްލަމުން އިސްމާއިލްގެ ގައިގައި ބައްދާލިއެވެ.

މަންޒަރު ބަލަން ހުރި ނަފީސާ އެދިމާއަށް ދުއްވާގަތެވެ. އޭނާ ގޮސް ސާދާގެ ބުރަކަށީގައި މޫނު ޖައްސާލަމުން ސާދާގެ ގައިގައި އޮޅު ލައިގަތެވެ. ތިން މީހުންނަށް ވެސް ވީ އެއްވަރެކެވެ. ކުރެވުނީ އެއްކަމެކެވެ. އެކަކު އަނެއްކަކު ގައިގައި އޮޅުލަމުން ރުއިމެވެ. މުޅި ގޭތެރެއިން އިވެމުން ދިޔައީ ރުއިމާއި ގިސްލުމުގެ އަޑެވެ.

"ތިން ދަރިންނަށް ވެސް ކިޔަވައިދީ ރަނގަޅު ތަރުބިއްޔަތެއް ދިނީ، ދުނިޔޭގައި ދިރި ހުރިހާ ހިނދަކު ކެތްތެރިކަން އިސްކޮށް، ކުރިމަތިވާ ހުރިހާ ކަމެއް ތަހައްމަލުކޮށް ދިރިއުޅުން އަމާން މަންޒިލަކަށް ގެންދެވޭނެ ގޮތަށް ކަންކަން ތަރުތީބުކުރަން. އެކަމަކު މި ބައްޕައާއި މަންމައަށް ތިން ކުދިން ގާތު ވެސް ބުނެ ނުދެވުނީ އެއްމެ ވާހަކައެއް. އެންމެ ކަމެއް." ސޯފާގައި އިށީނދެ ހަމަޖެހިލަމުން ސާރާ، ސާދާ އަދި ސާޔާގެ މޫނަށް ވަކިވަކިން ބަލައިލަމުން އިސްމާއިލް ބުނެލިއެވެ.

ތިން މީހުން ވެސް ތިބީ އިސް ޖަހައިލައިގެންނެވެ. ކަރުއެލުވާލައިގެންނެވެ. އިސް އުފުލާ ބަލައިލަން ވެސް ނުކުރިފައި ތިބި ގޮތަށެވެ.

"މިއަދު ބައްޕަ ވަރަށް އުފާވެއްޖެ ބައްޕައާއި މަންމައަށް ކެތްތެރިކަން ދެއްވީތީ. ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް ކުރިމަތިވި ކޮޅިގަނޑުން ސަލާމަތްވާން މަސައްކަތްކުރީ ވަކިވަކީން. އެކަނިމާ އެކަނި،" އިސްމާއިލް ފުން ނޭވާއެއް ދޫ ކޮށްލިއެވެ. "އެކަމަކު ތި ކުދިންނަށް އެނގޭތަ އެތައް ދުވަހަކުން ބޮޑުވަމުން، ބަނަކުރަމުންއާ ތޫފާން ބައްޕައާއި މަންމައާ ހަމައަށް އައީ އެއް ދުވަހެއްގައި އެއްވަގުތެއްގައި. މަތިން އައީ ކޮޅިގަނޑު، ތިރިން އުދަވީ ސުނާމީ."
"މަންމަ ހިތް ހީވީ ފަޅިފަޅިވެ ކުދިކުދިވެ ވިރިގެން ފައިބައި ގަތްހެން. މަންމަގެ މި ނިކަމެތި ހިތަށް ކެތްވާ ވަރުގެ ވާހަކަތަކެއް ނޫން އިވުނީ. ދަރިން އުޅުނު ހިތްދަތި ހާލު،" ނަފީސާ ފެންކަޅިވިއެވެ. "މަންމަގެ ލޮލުގެ ކޮއިފަދައިން ބަލާ ބޮޑުކުރި ތިން ދަރިން. ތިޔަ ތިން ދަރިން މަންމައާ ދުރުގަ، މަންމައާ ވަކީން އުޅުނު ގޮތުގެ ވާހަކަތައް އިވުނީ ހަމަ އެއް ވަގުތެއްގައި. މި ބަލި ހިތް ހީވީ ބޭރަށް ފުންމާލަން އުޅުނުހެން. މަންމައަށް ހީވީ އުޅެވުނީ ހުވަފެނެއްގައިހެން. ބޭނުންވީ އަވަހަށް ހޭލަން. ދެ ލޯ ހުޅުވަން. އެކަމަކު މިއީ ހަގީގަތްކަން ސިކުނޑިއަށް ވިސްނައިދޭން ޖެހުނީ."
"ﷲގެ ރަހުމަތުން، މަންމަ ވަރަށް ހިތްވަރުގަދަ. ބައްޕައަށް ވެސް އުޅެވުނު ގޮތްވެސް ނޭނގުނު. ކިޔުނު އެއްޗެއް ވެސް ނޭނގުނު،" އިސްމާއިލް ލޮލުން ކަރުނަ ހިލިގަތެވެ. "ކޮންމެ މަޔަކާއި ބަފަޔަކު ވެސް ދަރިން ބޮޑެތި ކުރަނީ ވަރަށް ފޮނި އުއްމީދުތަކަކާއެކު. އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅޭތަން ބަލަން ބޭނުންވެގެން."
"ބައްޕާ ދެން އެ ވާހަކަތައް ނުދައްކަމާދޯ." ސާދާ އިސްވެ ވާހަކަ ފެށިއެވެ. "އަޅުގަނޑުމެން ތިންބެއިންނަށް ދިރިއުޅުމުގެ ދަތުރުގައި ނާކާމިޔާބީއާ ކުރިމަތިވުން އެއީ މަންމައާއި ބައްޕަގެ މައްސަލައެއް ނޫން. އެއީ އަޅުގަނޑުމެންނަށް މި ވަގުތަށް ހުރި ގޮތް. އެއީ ވެސް އިމްތިހާނެއް."
"މަންމާ! އަހަރުމެންނަށް މިހާވަރަށް ވެސް ކެތްތެރިކަން މި ލިބުނީ މަންމައާއި ބައްޕަގެ ތަރުބިއްޔަތުގެ ސަބަބުން. އެހެން ނޫން ނަމަ އަހަރުމެންގެ ވަސް ވެސް މިއަދު ނުފެނުނީސް." ސާރާ ވެސް ލަސްލަހުން ބުނެލިއެވެ.
"މިއީ މަންމައާއި ބައްޕަ ލަދުގަންނަން ޖެހޭ ކަމެއް ނޫން. ގޯސް ހެދުނީ އަޅުގަނޑުމެންނަށް." ސާޔާ ފެންކަޅިވެފައި އިނދެ ބުނެލިއެވެ.
"އާނ. ބައްޕާ! އަހަރެން ހަނދާން އެބަހުރި ބައްޕަ ބުނެދިން ވާހަކަތައް. ބައްޕަ ބުނީމެއްނު. އަޅުގަނޑުމެން މި ދޫކޮށްލަނީ އުމުރަކަށް ނޫނޭ. އެ ދުވަހު ބައްޕަމެންގެ ގާތުން ވީއްލުނަސް، ކުރިމަތިލާ ދަތުރުން ވީއްލިއްޖެ ނަމަ މާދަމާ ވެސް އަންނަން ޖެހޭނީ ބައްޕަމެން ގާތަށޭ. މަންމައާއި ބައްޕަގެ ގުޅުމަކީ ކެނޑޭނެ ގުޅުމެއް ނޫނޭ." ސާދާ ހިތްވަރުކޮށްފައި ބުނެލިއެވެ.
"ދަރިފުޅުމެންނޭ! މި ހުރިހާ ކަމެއްގެ ޒިންމާ ވެސް ނަގަން ޖެހޭނީ ބައްޕަމެން. ބައްޕަމެންނަށް ބުނެ ނުދެވުނީ. ކިޔައި ނުދެވުނީ. ވިސްނައި ނުދެވުނީ." އިސްމާއިލް އަކުރުތަކަށް ވަކިވަކިން ބާރުލަމުން ބުނެލިއެވެ.
"ނޫނޭ ބައްޕާ!" ސާޔާ ބަލައިލީ ނަފީސާގެ މޫނަށެވެ.
"ބައްޕަމެން ބުނެދޭން ޖެހޭނެ ދިރިއުޅުމަށް ބައިވެރިން ނަގާނެ ގޮތްތައް ވެސް. ދިރިއުޅުމެއް ފެށުމުގެ ކުރިން ބަލަން ޖެހޭނެ ކަންކަން ވެސް. ރައްޓެހިވާން އަހާ ކުދިން ވަޒަންކުރާނެ ގޮތްތައް ވެސް. ތިމާ ގޮވައިގެން ތިމާއަށް ލޯބި ދީގެން ގެންގުޅެވޭނެ މީހަކު ހޮވާނެ ގޮތް ވެސް،" އިސްމާއިލް ބަލައިލީ ތިން ދަރިންގެ މޫނަށެވެ. "އެވެސް ތަރުބިއްޔަތު. އެއީ މިހާރުގެ މައިންބަފައިންނަށް ދޫކޮށްލެވޭ ކަމެއް. ވިސްނެނީ ދަރިން ބޭނުން މީހަކު އިހުތިޔާރު ކުރަން އޮންނަ ފުރުސަތަކުގެ ތެރެއަށް ވަދެވެނީ ކަމަށް. ހަގީގަތަކީ އެއީއެއް ނޫން. ބައްޕަމެންނަށް ވެސް އެ ނަޒަރުން ވިސްނުނީ. އެގޮތަށް ގަބޫލުކުރެވުނީ."

ސާދާ ބަލައިލީ ސާރާގެ މޫނަށެވެ. ސާޔާ ވެސް ބަލައިލީ ސާދާގެ މޫނަށެވެ. ތިން ދަރިންގެ މޫނަށް ބަލައިލަމުން ނަފީސާ ދެ ލޯ ފޮހެލިއެވެ.

"ދިރިއުޅުމެއް ކާމިޔާބުކުރުމުގައި ދެމީހުންގެ މިޒާޖަކީ އެންމެ މުހިއްމު އެއްކަންތައް. ދެ މިޒާޖެއްގެ މީހުންނަށް ގުޅެއްވިއްޖެ ނަމަ ދިރިއުޅުން އަމާނެއް، ބާއްޖަވެރިއެއް ނުވާނެ. ދިރިއުޅުން އޮމާނެއް ނުވާނެ. އަބަދުވެސް ކުރިމަތިވާނީ ހިތްދަތިކަން، ހަނގުރާމަ. ބައްޕަގެ ތިން ކުދިންނަށް ވެސް ވީ އެހެން. ތިން ކުދިންގެ ހަޔާތުގައި ވެސް ހިފީ ފަޅިކޭތަ،" އިސްމާއިލް ބަލައިލީ ނަފީސާގެ މޫނަށެވެ. "އިރާދަކުރެއްވިއްޔާ ކޭތަވީއްލައި އަދި އަމާން ދުނިޔެއެއް ދަރިފުޅުމެންނަށް ފެންނާނެ. މަންމައާއި ބައްޕަގެ ދުއާއަކީ ވެސް އެއީ."

ވާހަކައިގައި ތިބި އެންމެންނަށް ވެސް ސިހުން ލިބުނީ ކުއްޖެއްގެ ރުއިމުގެ އަޑަށެވެ. އެންމެންނަށް ބަލައިލެވުނީ ކޮޓަރިއާ ދިމާއަށެވެ. ހުރިހާ އެންމެންނަށް އެކުގައި ހިނިތުން ވެވުނެވެ. ސާރާގެ ދަރިފުޅު ޝެޒާ ހުރި ގޮތް ފެނިފައެވެ. އޭނާގެ އަތުގައި ނެޕީއެއް އޮތެވެ. ބޮލުގައި ނެޕީއެއް އޮތެވެ.

"އަހަން މިއޮން އަންނަނީނު ކާފަގެ ހުޅެވި ހަނދު." އިސްމާއިލް ހިނިތުންވެލަމުން ޝެޒާއާ ދިމާއަށް ހިނގައިގަތެވެ.

ތިން މީހުން އެކުގައި ސޯފާއިން ތެދުވިއެވެ. ސާރާ އިށީނީ ނަފީސާގެ ކަނާއަތް ފަރާތުގައެވެ. ސާދާ އިށީނީ ވައަތް ފަރާތުގައެވެ. ސާޔާ އިށީނީ މުށިގަނޑުމަތީގައެވެ. ސާޔާ ނަފީސާގެ ދެ އަތުގައި ހިފައިލިއެވެ.

"ދެން އަހަރުމެން މަންމަ ދޫކޮށްފައި ނުދާނަން. އަހަރުމެން ތިބެނީ މަންމައާއެކު. އަހަރުމެން ދެކެ ލޯބިވާ މީހަކު ހުއްޓަސް އަންނަން ޖެހޭނީ އަހަރުމެން ގާތަށް. މިގެއަށް މިއީ މަންމަމެން އަހަރުމެންނަށް އަޅައިދިން އަހަރުމެންގެ ސުވަރުގެ." ސާދާ ބުނެލިއެވެ.
"އަހަރުމެންނަށް ހުރަގަތައް ވެސް ފެނިއްޖެ. ތަޖުރިބާ ވެސް ކުރެވިއްޖެ. މަންމައިން އުޅޭ ގޮތްތައް ވެސް ފެނިއްޖެ. އެކަމަކު ތިޔައީ ހަމަ އެއްވަނަ މަންމަ." ސާރާ ހިފައިލީ ނަފީސާގެ ކޮނޑުގައެވެ.
"އަހަރުމެންގެ ހަޔާތަށް ކަށިތައް ހެރި، ލޭ ކޮށިގެން ހިނގައްޖެ. އެތަންތަން ފާރު ވެސް ވެއްޖެ. ބޭނުމީ މަންމަގެ ލޯބިން އެ ފާރުތައް ރަނގަޅު ކުރަން." ސާދާ ވެސް ހިފައިލީ ނަފީސާގެ އަނެއް ކޮނޑުގައެވެ.
"ހަޔާތުގައި ފުރިހަމަ ނޫން، ފަޅިކޭތަ ވެސް ހިފައިފި. އެ ކޭތަ ވީއްލާނެ ދުވަހެއް ވެސް ނޭނގެ. ކޭތަ ވީއްލިޔަސް ނުވީއްލިޔަސް މަންމައާއި ބައްޕަ ތި ހުރިހާ ކުދިންނާއެކު އަބަދުވެސް ތިބޭނަން." އިސްމާއިލް މަންޒަރު ބަލަން ހުރެ ރިމޯޓު ދިއްކޮށްލީ ޓީވީ އާ ދިމާއަށެވެ.
ހުރިހާ އެންމެން އެކުގައި ހިނިތުންވެލިއެވެ. އެންމެން ބަލައިލީ ޓީވީއަށެވެ. ޓީވީން އިވެމުން ދިޔައީ ރީތި މިޔުޒިކެކެވެ. މިޔުޒިޔާއެކު ފެންނަމުން ދިޔަ ލަފުޒުތަކެކެވެ. އެއީ ކަރޯކޭ ޓްރެކެވެ.
"ޅަފުރައިގެ ގުޅުމޭ މިއަދު އާވަނީ.." ތިން މީހުން އެކުގައި އެ ލަވަ ކިޔައިލިއެވެ. (ނިމުނީ)