ހަބަރު

ރައީސް ސޯލިހު ނަޝީދު އާ ބައްދަލުކުރައްވައިފި

Oct 7, 2020
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފި އެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމަށްފަހު، ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އާ ބައްދަލުކުރައްވައި ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

"ކޮވިޑް-19 އާއި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސް އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން،" ކުރިއަށްދާނީ ރަނގަޅު މިސްރާބަށް ކަމަށް އުއްމީދުކުރައްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ، އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި ދެ ބޭފުޅުން އާއްމުކޮށް ބައްދަލުކުރައްވައި، ފޮޓޯ އާއްމުކުރައްވަ އެވެ.

މިފަހަރު ދެ ބޭފުޅުން ބައްދަލުކުރައްވާފައި މިވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތްކަމަށް ފާސްކުރަން ސީދާ ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ފައްޔާޒު ވަކި ކުރުމުގެ މައްސަލާގައި އެމްޑީޕީގެ އިސް ބޭފުޅުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް އާއްމުންނާ ހަމައަށް ވަނީ ތިލަވެފަ އެވެ.