ރައީސް މުހައްމަދު ނަޝީދު

ދެ ރައީސުންގެ ބައްދަލްވުމަށްފަހު ނަޝީދު ވިދާޅުވީ އޮޑި ނުފެތޭނެ ކަމަށް

ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސް ދިވެހިންނަށް ހެޔޮ ގޮތް ހޯދާދެވޭނެ ކަަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު ރައީސް ސޯލިހާއެކު މިއަދު ބޭއްވެވި ބައްދަލްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ދެ ރައީސުން ބައްދަލްކުރައްވާ މަޝްވަރާ ކުރެއްވިކަން ފުރަތަމަ ހާމަ ކުރެއްވީ ރައީސް ސޯލިހެވެ. ބައްދަލްވުމުގެ ތެރެއިން އަދި ބައްދަލްވުމަށްފަހު ރަސްމީ ގެކޮޅު މުލިއާގެ ކުރިމަތީ ތިއްބަވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްދަލްވުމުގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ކޮވިޑްގެ މި ހާލަތުގައި ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މަޖިލީގާއި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމުގައިވެސް ވިދާޅުވިއެވެ.

"ﷲގެ އިރާދަފުޅުން އަޅުގަނޑުމެން ކުރިއަށްދާނީ ރަނގަޅު މިސްރާބަށް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ޓްވީޓް ރިޓްވީޓް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ "ﷲގެ އިރާދަފުޅުން އަޅުގަނޑުމެންގެ މި އޮޑި ނުފެތޭނެ" ކަމަށެވެ. އަދި ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސް ދިވެހިންނަށް ހެޔޮ ގޮތް ހޯދާދެވޭނެ ކަަމަށެވެ.

ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތުވެ، އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި ދެ ބޭފުޅުން އާއްމުކޮށް ބައްދަލުކުރައްވައި، ފޮޓޯ އާއްމުކުރައްވަ އެވެ. މިފަހަރުވެސް މި ބައްދަލްވުން އައީ ނަޝީދު އިސްވެ ހުރެ މިނިސްޓަރު ފައްޔާޒު ވަޒީރުކަމުން ދުރުކުރުމުގެ މަސައްކަތްތަކެއް ކުރައްވަނިކޮށެވެ. އަދި އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.