ބޭރު ކުޅިވަރު

ނެދަލޭންޑްސް ކޮލިފައިނުވި، އެކަމަކު ކޯޗު ބަހައްޓާނެ

1964 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެދަލޭންޑްސް ކޮލިފައިނުވެ ރޭ ކެޓި ނަމަވެސް ކޯޗު ޑެނީ ބްލައިންޑް މަގާމުގައި ބަހައްޓަން ނިންމައިފި އެވެ.

ބްލައިންޑް އަކީ ކޮލިފައިން ފެށި އިރު ޓީމުގެ ކޯޗުކަމުގައި ހުރި ގުސް ހިޑިންކްގެ އެސިސްޓެންޓް ކޯޗެވެ. އޭނާ ޓީމާ ހަވާލުވީ ނަތީޖާތައް ގޯސްވެ، ހިޑިންކް އިސްތިއުފާދިނުމުން މިދިޔަ ޖުލައި މަހު އެވެ.

ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކެޓީ ރޭ ޗެލްރިޕަބްލިކް އަތުން 3-2އިން ބަލިވުމުންނެވެ. މަޝްހޫރު ފޯވަޑް އަދި ކުރީގެ ކެޕްޓަން ރޮބިން ވޭންޕާސީ ބައިކޮޅަށާއި ޓީމަށް ލަނޑު ޖަހައިދިން މެޗުގެ ފުރަތަމަ ތިން ލަނޑު ޖެހީ ޗެކް ރިޕަބްލިކްއިންނެވެ.

ބްލައިންޑް ކޯޗުކަމުގައި ބަހައްޓަން ނެދަލޭންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމުމުން އެންމެ އުފާވީ ސައުތެމްޓަނުގެ ސަޕޯޓަރުންނެވެ. އެއީ އެ ޓީމުގެ ކޯޗު ރޮނަލްޑް ކޮއެމަން ނެދަލޭންޑްސްގެ ގައުމީ ޓީމަށް ގެންދަން އުޅޭ ވާހަކަ ދެކެވެމުންދާތީ އެވެ.

"އަހަރެން ބޭނުން އޮރެންޖް (ނެދަލޭންޑްސް) ޓީމުގައި މަޑުކުރަން. އަހަރެންގެ ނަފްސު ހަލާކުވެއްޖެކަމަށް އަހަރެން ނުދެކެން. އަހަރުމެން މިހާރު ކުރަންޖެހިފައިވާ ކަމަކީ ކޮންމެއްތޯ ގޯސްކޮށް އަދި ރަނގަޅަށް ކުރެވުނީ ބަލައި ދިރާސާކުރުން،" ކޯޗު ބުންޏެވެ.

ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޑިރެކްޓަރު ބާޓްވެން އޫސްޓަވީން ބުނީ ކޯޗުކަމާއިގެން އޭނާ (ބްލައިންޑް) ކުރިއަށްދާނެ ކަމަށެވެ.
"މިރޭގެ މެޗުގެ ވާހަކަ އަކީ މުޅި ކެމްޕެއިންގެ ވާހަކަ އެއް. ހުރިހާ ކަމެއް ދިޔައީ ގޯހުން ގޯހަށް. އެކަމަކު އަހަރުމެންނަށް އެނގޭ އަހަރުމެން ކުރަންވީ ކަންތައް،" އޭނާ ބުންޏެވެ.