ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވުޖޫދުކުރި ގާނޫނުތަކާއި ކުރިއަށް ގެންދިއަ ބޮޑެތި ތަރައްގީ މަޝްރޫއުތައް ގޯސްކޮށް، ފާޑުކިއުމަށް ފަހު، މިހާރު އެކަންތައްތައް މޮޅުވެފައިވާ ކަމަށް ވިދާޅުވެ، މި ސަރުކާރަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަނެއްކާ ވެސް ފާޑުވިދާޅު ވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ވައުދާ އެއް ގޮތަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފުމަށްފަހު އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އުވާލެއްވީ މިދިއަ ސަރުކާރުން އުފަންކުރި އަބުރު ރައްކާތެރިކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނެވެ. އެ ގާނޫނަކީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރާ ގާނޫނެއް ކަމަށް އިދިކޮޅުގައި ތިބިއިރު މިހާރު ސަރުކާރުގެ އިސް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެއް ހިމެނުމުން ސަރުކާރަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ މި ސަރުކާރުން ނުފެއްދޭ ވަރުގެ ބޮޑެތި ވައުދުތައް ހުއްޓާލަން ދަސްކުރަން ޖެހޭ ކަމަށެވެ.
"ކުރިން ގޯސްވި ގާނޫނުތައް މިއަދު މޮޅުވެއްޖެ،" ޖަމީލް ވިދާޅުވި އެވެ.
އޭގެ އިތުރުން މިދިއަ ސަރުކާރުން ޗައިނާގެ އެހީގައި ތަރައްގީކުރި ސިނަމާލެ ބުރިޖަށް މި ސަރުކާރުގެ އިސް ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ނަމަވެސް، މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ތިލަމާލެ ބުރިޖު ހިމަނައި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
"ކުރިން ކަމުނުދިޔަ ފްލެޓް، ބްރިޖުތައް، މަހާޖައްރާފު މިއަދު ރަނަށްވެއްޖެ. މި 5 އަހަރު ޙާޞިލްކުރެވުނު ކަމަކީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް ޕޮލިޝްކުުރުމާއި އަމިއްލައަށް ސަނާކިޔުން،" ޖަމީލް ވިދާޅުވި އެވެ.