ފީފާ ވޯޅްޑް ކަޕް 2030 ގެ މުބާރާތް، ސްޕެއިން އާއި ޕޯޗްގަލް ހިއްސާ ވެގެން ބޭއްވުމަށް ބިޑް ކުރާނެ ކަމަށް ދެ ގައުމުގެ ފުޓްބޯޅަ ފެޑްރޭޝަނުން އިއުލާން ކޮށްފި އެވެ.
ދެ ގައުމުގެ ފަރާތުން ހުށަހަޅާ ބިޑް ލޯންޗް ކުރީ އިއްޔެ އެވެ. ރޭ ދެ ގައުމުގެ ގައުމީ ޓީމުން ވަނީ އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ. ސްޕޯޓިން ލިޒްބަންގެ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި ޕޯޗްގަލްގެ އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޔޯއާ ފެލިކްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.
ދެ ގައުމުން ވެސް އުންމީދު ކުރަނީ ގަތަރުގައި 2022 ވަނަ އަހަރަށް ފަހު އަދި 2026 ވަނަ އަހަރު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ފަހު 2030 ގެ ވޯލްޑް ކަޕް އެ ދެ ގައުމުގައި ބޭއްވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯއަށް 2026 ގެ ބިޑް އެވޯޑް ކުރުމުގެ ކުރިން، ދެ ގައުމެއް ހިއްސާ ވެގެން މިހާތަނަށް ވޯލްޑް ކަޕެއް ބޭއްވީ 2002 ގަ އެވެ. އެ އަހަރު މުބާރާތް ބޭއްވީ ކޮރެއާ އަދި ޖަޕާންގަ އެވެ.
ސްޕެއިން އާއި ޕޯޗްގަލްގެ ފުޓްބޯޅަ ފެޑްރޭޝަންގެ މަންދޫބުން ކަމަށްވާ ޕެޑްރޯ ސަންޗޭޒް އާއި އޮންޓޯނިއޯ ކޮސްޓާ ވަނީ ދެ ގައުމުގެ ފަރާތުން ދޭން ޖެހޭ ޔަގީންކަން އޮތްކަން ހާމަ ކޮށްފަ އެވެ. ވޯލްޑްކަޕް ބިޑް ކާމިޔާބު ކުރުމަށް އެންމެ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައި އެ ބިޑްގައި ހިމަނާފައި ވަނީ، ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނެބެއު ސްޓޭޑިއަމް އެވެ. އެ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އެ މަސައްކަތް 2022 ގައި ނިމުމުން ޔޫރަޕްގެ އެންމެ ރީތި ސްޓޭޑިއަމްއަށް އެ ސްޓޭޑިއަމް ވެގެންދާނެ އެވެ.
ވޯލްޑް ކަޕް ބާއްވާ ގައުމެއް ނިންމާނީ އެންމެ މަދުވެގެން މުބާރާތް ބޭއްވުމުގެ ހަ އަހަރު ކުރިންނެވެ. އެހެންވެ 2030 ގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް އެވޯޑް ކުރާނީ 2024 ގަ އެވެ. ފީފާއިން ނިންމާފައި ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން 48 ޓީމަށް ފުރުސަތު ދިނުމަށެވެ.
ސްޕެއިން އާއި ޕޯޗްގަލްގެ ބިޑަށް ޗެލެންޖު ކުރަން ނުކުންނާނީ މޮރޮކޯ އެވެ. އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯއަށް 2026 ގެ ވޯލްޑް ކަޕް އެވޯޑް ކުރިއިރުވެސް އެ ތިން ގައުމާ ވާދަ ކުރީ މޮރޮކޯގެ ބިޑެވެ. ދެކުނު އެމެރިކާގެ ހަތަރު ގައުމަކުން ހިއްސާވެ މުބާރާތް 2030 ގައި ބޭއްވުމަށް ބިޑް ހުށަހެޅުމަށް ދަނީ ތައްޔާރު ވަމުންނެވެ. އުރުގުއޭ، އާޖެންޓީނާ، ޕެރޫ އަދި ޗިލީ އެކުގައި ހުށަހަޅާ ބިޑް ވެގެންދާނީ ސްޕެއިން އާއި ޕޯޗްގަލް އަދި މޮރޮކޯގެ ބިޑަށްވެސް ވަރުގަދަ ޗެލެންޖަކަށެވެ.