މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ލިބޭ މާލީ އެހީތެރިކަން މަދުމަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑާސް އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެން ޝާހިދު ވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ރިޔާސަތާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް މަރުހަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކުގެ ކަންތައްތަކުގައި ބަންގްލަދޭޝްއިން އަދާކުރާ ދައުރު ފާހަގަކުރައްވައިފަ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރަކަށް ވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން ސީވީއެފް ގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ގައުމަކަންވެސް ގައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކޮށް، ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް، ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަވަން ޖެހޭކަމުގައި ވިދާޅުވި އެވެ.
އަންނަ އަހަރު ގްލާސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ޖެހެންދެން މިހާރު މި އޮތް ބާރުމިނުގައި ކުރިއަށް ގެންދިޔުމަށް މިނިސްޓަރު ގޮވާލައްވާފައިވާއިރު، މިހާރަށްވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރެވޭނީ، އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ގައުމަކުން ވެސް ލިބިގެން ކަމުގައި ވިދާޅުވި އެވެ.
އަދި، މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ޤައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުމަކަށް ޝާހިދު ވަނީ ފާހަގަކުރައްވާފައި އެވެ.
މީގެ އިތުރުން، ސީވީއެފް އިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވާނެ ކަމަށާއި އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ރައްކާތެރި ދުނިޔެއެއް ފޯރުކޮށްދިނުމަށް މި ފޯރަމުން މުހިންމު ދައުރެއް އަދާކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމަކީ، ފެހި، ނޫ އަދި ސާފު އިގުތިސޯދަކާއި ދިމާލަށް އެޅޭ ފިޔަވަޅެއް ކަމުގައި ވެސް ޝާހިދު ވިދާޅުވި އެވެ.
ކްލައިމެޓް ވަލްނަރަބްލް ފޯރަމް އުފެދިގެންއައީ ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ޑެންމާކްގެ ކޯޕެންހޭގަންގައި ބޭއްވުނު އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ (ކޮޕް 15) ތެރެއިންނެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި އޮތް 48 ގައުމުގެ އަޑު އުފުލައި ބައިނަލްއަގުވާމީ ދުނިޔޭގައި ގުގުމާލަދޭ ތަފާތު ފޯރަމެއްގެ ގޮތުގައި ސީވީއެފް ފާހަގަކުރެވެ އެވެ.