އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ އިންތިހާބު ލަސްކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަން ކޮށްފިނަމަ ފީފާގެ ހަމަޖެހުމެއް ނާންނާނެ ކަމަށް އިންތިހާބީ ކެނޑިޑޭޓް އުރުދުންގެ ޕްރިންސް އަލީ ބުނެފި އެވެ.
ހުސްވި ޓާމުގައި ފީފާގެ ނާއިބް ރައީސްކަން ކުރައްވައި އެންމެފަހުގެ އިންތިހާބުގައި މިހާރުގެ ރައީސް ސެޕް ބްލެޓާއާ ވާދަކުރައްވި ޕްރިންސް އަލީ ބުނީ ދުނިޔެ އޮތީ ފީފާގެ އަމަލުތައް ބަލަން ކަމަށެވެ.
"ފީފާގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން ހަނދާންކުރަންޖެހޭނެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ކޯޗުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުން މިތިބީ (އެމީހުން ހަދާ އެއްޗެއް) ބަލަން،" ޕްރިންސް އަލީ ވިދާޅުވި އެވެ.
އޭނާ މިފަދައިން ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ބްލެޓާ އާއި ޔޫއޭފާގެ ރައީސް އަދި އިންތިހާބުގައި ވާދަކުރައްވާ ފީފާގެ އެއް ނާއިބް ރައީސް މިޝޭލް ޕްލެޓީނީ އާއި ފީފާގެ ޖެނެރަލް ސެކްރެޓަރީ ތިން މަސްދެން ސަސްޕެންޑްކޮށްފައިވާތީވެ އިންތިހާބު ލަސްކުރަން އެބޭފުޅުން މަސައްކަތްކުރައްވާ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.
ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރީ ބްލެޓާ ސޮއިކޮށް ފީފާއިން ޕްލެޓިނީ އަށް ދީފައިވާ 1.5 މިލިއަން ޕައުންޑްގެ މައްސަލާގަ އެވެ. އެއަށް ފަހު ފީފާގެ އިތުރު ހޯދުންތަކުން އެނގޭގޮތުގައި ޕްލެޓިނީ އާއި ބްލެޓާގެ އިތުރު މައްސަލަތައް ވެސް ވަނީ ފެނިފަ އެވެ. ވަލްކޭ ސަސްޕެންޑްކުރީ ވެސް ވޯލްޑް ކަޕުގެ ޓިކެޓް އަގުބޮޑުކޮށް ވިއްކުމާއި އެނޫން ވެސް ސަބަބުތަކާހެދި އެވެ. ނަމަވެސް އެއްވެސް ބާވަތެއްގެ ގޯސްކަމެއް ނުކުރާ ކަމަށް ބްލެޓާ އާއި ޕްލެޓިނީ ބުނެ އެވެ.
މި ބޭފުޅުން ސަސްޕެންޑްކުރުމުން ފީފާގެ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އީސާ ހަޔާތޫ އެވެ. އޭނާގެ ރިއާސަތުގައި މި މަހުގެ 20ގައި ބާއްވާ ފީފާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
ޕްރިންސް އަލީ ވިދާޅުވީ އިންތިބާހު ފަސްކޮށްކޮށް ވަގުތީ ލީޑަޝިޕެއްގެ ދަށުން ފީފާ ހިންގުމަކީ ކުރިމަގުގައި އިތުރު މައްސަލަތަކެއް ދިމާވާނެ ކަމެއް ކަމަށާއި މީގެ ސަބަބުން ކުރީގައި ވެސް ހިނގާފައިވާ ފަދަ ގޯސްކަންތައްތައް ހިނގުމަށް މަގުފަހިވާނެ ކަމަށެވެ.