ވިޔަފާރި

ޕީއެސްއައިޕީ ހޭދަ މިދިޔަ އަހަރަށް ވުރެ މައްޗަށް

Oct 8, 2020

ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ދަށްވެފައިވާތީ، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް މަދު ކުރިނަމަވެސް، މިކަމަށް ކުރާ ހޭދަ 3.1 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޕީއެސްއައިޕީ އަށް މިދިޔަ އަހަރު އޮކްޓޫބަރު އެއްވަނަ ދުވަހުގެ ނިޔަލަށް ހޭދަވެފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 3.2 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް ހޭދަ ކުރަން ހުށަހަޅާފައިވަނީ 10 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން މަދުވެފައިވާތީ ޕީއެސްއައިޕީގެ އާ މަޝްރޫއު ތަކެއް ނުފަށާނެ ކަމަށް ބުނެފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ހީނަރުވެފައިވާތީ މި އަހަރު ކުރިން ލިބޭނެ ކަމަށް އަންދާޒާ ކުރި 30 ބިލިއަން ރުފިޔާގެ ތެރެއިން މި އަހަރު ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.