ތިމާވެށި

ޅ. އަތޮޅުގެ ފަސް ސަރަހައްދު ހިމާޔަތް ކޮށްފި

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތް ކޮށްފި އެވެ.

ޅ. މާގަނދު ނުވަތަ އެނިމޮނީ ތިލަ އާއި ދިއްފުށި-މާދޫގައި ހިމެނޭ ފަސް ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށް ކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި ޅ. މާކޯ އާއި ޅ. ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދާއި ޅ. ދަށުގިރި ފިނޮޅު ސަރަހައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށެވެ. ހިމާޔަތްކުރި ފަސް ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދު ތަކެކެވެ. އެ ސަރަހައްދުތައް ކަނޑައެޅީ ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތާއި ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރި ކުރުމަކީ މި ސަރުކާރުން ވީ ވައުދެކެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ. ށ އަދި ނ. އަތޮޅުގެ 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު މިހާރު ވަނީ ހިމާޔަތްކޮށްފަ އެވެ.