އާޒިމާ ޝަކޫރު

އާޒިމާގެ ޝަރީއަތް އާދިއްތައަށް ތާވަލްކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

ޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެއްކޮށެވެ. މި ދެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކޮށްފައިވަނީ މިދިޔަަ މަހުގެ 27 ވަނަ ދުވަހަށެވެ. އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދެވިފައިނުވަނީ އާޒިމާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޑޮކްޓަރަށް ދައްކަން ދާން ޖެހުމާއި ގުޅިގެންނެވެ.

އެ ދުވަހުގެ ޝަރީއަތުގެ މަޖިލީސް ފައްޓަވައި ދެއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އާޒިމާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީއެއްގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އަދި ދިމާވި ކަމަކާއި ގުޅިގެން ޝަރީއަތް އެހެން ދުވަހަކަށް ފަސް ކުރަން އާޒިމާ އެދިވަޑައިގެންފައިވާ ކަމަށްވެސް ގާޒީ ފާގަހަ ކުރެއްވެވި އެވެ. ޝަރީއަތުން ފާހަގަކުރި ކަންކަން ސާފު ނުވާ ކަމަށް ދައުލަތުން ބުނުމުން ގާޒީ ވަނީ ސިޓީގައި ފާހަގަ ކޮށްފައިވާ ކަންކަން ސާފު ކޮށް ދިނުމަށް އާޒިމާގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މިކަމަށް ޖަވާބު ދެއްވަމުން އާޒިމާ ވިދާޅުވީ ސިއްހީ ސަބަބުތަކަށްޓަކާ ހޮސްޕިޓަލަށް ވަޑައިގަންނަ ޖެހިވަޑައިގަންނަވާ ކަމަށާއި އެ ދުވަހަށް އެޕޮއިންޓްމެންޓް ލިބިފައިވާ ކަމަށެވެ. ކޯޓަށް ހުށަހެޅި ސިޓީގައި ސިއްހީ ސަބަބު ފާހަގަ ކުރައްވާފައި ވާނެ ކަމަށާއި، ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ވެސް ހާޒިރުވެތިބުމުން އޭގެ ތަފްސީލަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެއަށްފަހު ދައުލަތުން ވަނީ ޝަރީއަތް ކުރިޔަށް ގެންދަން ބޭނުންފުޅުތޯ ނުވަތަ ހޮސްޕިޓަލަށް ވަޑައިގަންނަވާނީތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި އާޒިމާ ވިދާޅުވީ އޭނާ ބޭނުން ވަނީ ޑޮކްޓަރަށް ދައްކަން ދާން ކަމަށެވެ. މިހެން ވިދާޅުވުމުން ގާޒީ ހަސަން ސައިދު ވަނީ އަޑެއެހުން ކެންސަލްކޮށްލާފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު 1:30 ގައެވެ.