ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ވެކްސިނެއް ލިބެންދެން ކޮވިޑާއެކު އުޅެން ދަސް ކުރަންޖެހޭ!

މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ވޫހާނުން "ނޮވެލް ކޮރޯނާ ވައިރަސް" ފެނުނު ހިސާބުން ފެށިގެން މުޅި ދުނިޔޭގެ ސަމާލުކަން މި ބަލި ވަނީ ހޯދާފަ އެވެ. މިހާތަނަށް ދުނިޔޭގައި މިވަބާގެ ބިރުވެރިކަން އިހުސާސް ކުރަން ނުޖެހޭ ގައުމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މިބަލީގައި މިލިޔަނަކަށްވުރެ ގިނަމީހުން މަރުވެ ބަލީގެ ނުރައްކަލުގައި އުޅޭތާ އަހަރަކާ ކައިރި ވެފައިވާއިރު، މި ބަލިން ސަލާމަތް ވުމަށް އެތައް ހޭދަ ތަކަކާއި ދިރާސާތަކެއް ކުރެވި އެތައް ކުރިއެރުން ތަކެއްވެސް ވަނީ ހޯދާފަ އެވެ.

މިހާރު އުފެދޭ ސުވާލަކީ، ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ވަރަށް ބޮޑަށް ބަލިވުމުގެ ފުރުސަތު ނުވަތަ މަރުވުމުގެ ފުރުސަތު އޮތީ ކިހާވަރަކަށް ހެއްޔެވެ؟ މިއީ ނުހަނު ބޭނުންތެރި ސުވަލެކެވެ. އާދައިގެ ޓެސްޓަކުން މިކަން ދެނެގަނެ ވިއްޖެނަމަ، އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުމުގެ އިތުރުން އެތައް ބައެއްގެ ވަގުތާއި، މަސައްކަތާއި ފައިސާ ސަލާމަތް ކުރެވުމުގެ ފުރުސަތު އޮތުމުންނެވެ. ޚާއްސަކޮށް، މިބަލީގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސޯދަށް، ކުރިން ތަހައްމަލު ކުރަން ޖެހިފައި ނުވާފަދަ ހީނަރު ކަމަކާ ކުރިމަތިލާން ޖެހިފައިވާތީ ވެސްމެއެވެ.

ކޮވިޑްގެ ސަބަބުން އިގްތިސޯދު ހަލާކު ނުވާ ގައުމެއް ދުނިޔޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ގައުމުތަކުގެ ބޯޑަރުތަށް ބަންދުކޮށް، ފުރަ ބަންދުގައި ތިބެން ޖެހިފައިވުމުން ފަތުރުވެރި ކަމަށް އިގްތިސޯދު ބަރޯސާ ވެފައިވާ ގައުމުތަކަށް މި ބަލީގެ ސަބަބުން ކުރި އިގްތިސޯދީ ގެއްލުން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އިގްތިސާދު ނަގާ ކޮޅައްޖެހުމަށް، ހާއްސަކޮށް ރާއްޖެކަހަލަ ގައުމުތަކުން ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހިފައިވާ މިދަނޑިވަޅުގައި، އެކަން ކުރާނީ ކިހިނެއްތޯ ދެނެގަތުމަކީ މުހިންމު ކަމެކެވެ.

މިހާތަނަށް މިބައްޔާބެހޭ ގޮތުން ހެދިފައިވާ ބައެއް ދިރާސާތަކުން ހާމަވާ ގޮތުގައި މިބަލި ޖެހުމުން ހާލު ދެރަވެދާނެ މީހުންނާއި މަރުވެދާނެ މީހުން ދެނެގަތުމަކީ ކުރެވިދާނެ ކަމެކެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ކޮވިޑް-19 ޖެހި ހާލުދެރަވާ މީހުންގެ 3.5 ފަސެންޓް މީހުންގެ ހަށިގަނޑުގެ ދިފާއީ މައި ނިޒާމުގައި (އެންޓި ވައިރަލް ޑިފެންސް ސެލްސް ތަކުގައި) މި ވައިރަސް މިއުޓޭޓް، ވެއެވެ. އަދި ހާލުބޮޑުވާ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ހަށިގަނޑުގައި "އޮޓޯ އެންޓިބޮޑީސް" ތަކެއް އުފައްދައެވެ. މި އޮޓޯ އެންޓިބޮޑީސްތައް، ބަލިން ދިފާއު ކޮށްދިނުމުގެ ބަދަލުގައި އެމީހުންގެ ދިފާއީ ނިޒާމަށް ހަމަލާދީ ބަލިކަށިކުރަން ފަށަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކޮވިޑް ބަލީގައި މަރުވެފައިވާ ގިނަ މީހުން މަރުވެފައިވަނީ މި ދެސަބަބާ ހެދިއެވެ.

މިބަލިޖެހޭ ގިނަމީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެންނައިރު މަދުބަޔަކު މަރުވާ ސަބަބަކީ މީއީ ކަމުގައި ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އެހެންކަމުން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެނަމަ، އެމީހަކު އަވަހަށް "އެންޓިބޮޑީސް" އަށް ޓެސްޓް ކުރަންވީ ވަގުތު ޖެހިއްޖެ ކަމުގައިވެސް ސައެންސްވެރިން ދެކެއެވެ. އޭގެ ސަބަބުން ފުރާނަ ސަލާމަތް ކުރެވުމުގެ ފުރުސަތު އޮތުމުންނެވެ.

އިންސާނުންގެ ދިފާއީ ނިޒާމުގެ ތެރޭގައި ލައްވާފައިވާ 17 ވައްތަރެއްގެ "އިންޓަފެރޮން" ގެ ތެރެއިން، 14 ވައްތަރެއްގެ އިންޓަފެރޮން، މި ބަލީގައި މަރުވާ މީހުންގެ ހަށިގަނޑުގައި ރަނގަޅަށް މަސައްކަތް ނުކުރެއެވެ. "އިންޓަފެރޮން" އަކީ އިންސާނުންގެ ހަށިގަނޑުގައި ލައްވާފައިވާ ދިފާއީ ނިޒާމުގެ އެންމެވަރުގަދަ ފާރަ ވެރިންނެވެ. ދާއިމީކޮށް ބޭސް ކުރަންޖެހޭ ބަލިތައް ކަމަށްވާ ހަކުރުބަލި، ކިޑްނީގެ ބަލި ނުވަތަ އެހެންވެސް ބައްޔަކަށް ކުރަމުން އަންނަ ފަރުވާއެއްގެ ސަބަބުން ނަމަވެސް ބައެއް މީހުންގެ ހަށިގަޑުގެ "އިންޓަފެރޮން" ހުންނަންޖެހޭ ވަރު ބަލިކަށިވެ ދައްވެފައި ހުއްޓާ ކޮވިޑް ޖެހިއްޖެނަމަ އެމީހެއްގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ބަލީގައި ހާލު ބޮޑުވި އެތައް ބައެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލްތައް ބޭނުން ކޮށްގެން މިއަހަރު ޖެނުއަރީން ފެށިގެން ހެދިފައިވާ ދިރަސާތަކުން ދައްކާ ގޮތުން، ހާލުބޮޑުވާ އެތައް ބައެއްގެ ހަށިގަޑުގެ ދިފާއީ ނިޒާމް، އެމީހުންނާ އިދިކޮޅަށް މަސއްކަތް ކޮށްފައި ވެއެވެ. ކޮވިޑްގެ ސަބަބުން ނުރައްކާތެރި އެންޓިބޮޑީސް އުފެދުނު މީހުންގެ 94 ޕަސެންޓަކީ ފިރިހެނުން ކަން ދިރާސާތަކުން ވަނީ ފާހަގަ ކުރެވިފައެވެ.
އެހެންކަމުން މިބަލި ޖެހިއްޖެނަމަ ނުރައްކާ ވުމުގެ ފުރުސަތު ފިރިހެނުންނަށް އެތައް ގުނައެއް ބޮޑުކަން ފާހަގަ ކުރެވެއެވެ.

ސައެންސްވެރިންގެ އަމާޒު މިހާރު ހުރީ އިންސާނާގެ ހަށިގަނޑުގައި މިނުރައްކާތެރި އެންޓިބޮޑީސް އުފައްދާ ސަބަބުތައް ދެނެގަތުމާ ދިމާލަށެވެ. އެގޮތުން ކަމާބެހޭ މާހިރުންގެ ކަޅި މިވަގުތު ހުއްޓިފައި ވަނީ ކޮވިޑް ބަލީގައި ސީރިއަސްވި ބަލި މީހުންނާ އެކީ އުޅުނު މީހުންނާ، އެމީހުންގެ އާއިލާގެ މީހުންގެ ހާލަތު ސީރިއަސް ނުވީ ކީއްވެކަން ދެނެގަތުމަށެވެ. މިކަންކަމުގެ ސަބަބުން އިތުބާރު ހުރި ވެކްސިނެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތާއި، ހޭދަކުރަންޖެހޭ ވަގުތާއި، ޚަރަދު ކުރަންޖެހޭ ފައިސާއާއި، އުފައްދަންޖެހޭ ޑޯޒުގެ އަދަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ.

ހަމައެހެންމެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެތައް ހާސް ބަޔަކަށާއި، އެކި ބޭނުން ތަކުގައި ދަތުރު ފަތުރު ކުރާ އެތައް ހާސް ބަޔަކަށް މިކަމުގެ ސަބަބުން ބޮޑެތި ލުއި ފަސޭހަ ތަކެއް ކުރާނެކަމަށް ބެލެވޭއިރު ފަތުރުވެރިކަމާ ގުޅިފައިވާ އެހެނިހެން ސިނާއަތް ތަކަށްވެސް ހެއު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކުރިޔަށްއޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އިތުބާރުހުރި ވެކްސިނެއް އުފެއްދިދާނެ ކަމުގެ އުންމީދު އޮތަސް، މި މަހު ނުވަ ވަނަ ދުވަހު އެކަނިވެސް ޔޫރަޕު ސަރަހައްދުން 338,779 މީހުންނަށް ކޮވިޑް ޖެހިފައިވާކަން ވަނީ ދެނެގަނެވިފަ އެވެ. މިއީ ރެކޯޑް މިންވަރެއްގެ އިތުރު ވުމެކެވެ. މިއީ މީގެ ކުރިން ޔޫރަޕުން އެއް ދުވަހެއްގައި ބަލިޖެހުނު މީހުންގެ އަދަދަށްވުރެ 8439 މީހުން އިތުރު ވުމެކެވެ.

އެހެންކަމުން، އިތުބާރު ހިފޭ ވެކްސިނެއް އުފެއްދެން ދެން، ކޮވިޑާއެކު އުޅެން ޖެހިފައިވާ މިހާލަތުގައި، ހާލަތާގުޅޭ ރަނގަޅު ގޮތްތަކާއި އާލާތްތަކުގެ ބޭނުން ހޮޔޮގޮތުގައި ހިފާ، ޒިޔާރަތް ކުރާނެ ފަރާތްތަކަށް، ހިތުން ފިލައިގެން ނުދާނެފަދަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް، ބޭނުންވާނެ ތަމްރީނާއި ތައްޔާރީތައް ފުރިހަމަކޮށް، ރައްކާ ތެރިވެތިބެ، އުއްމީދީ ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ އެއްމެހާ ކަންކަން ފުރިހަމަ ކުރުމަށް ވަގުތުގެ ބޭނުން ހިފުން ނޫން ގޮތެއް މިވަގުތަކަށް ނެތެވެ.