އިންޑިއާ ފުޓުބޯޅަ

ލިވަޕޫލްގެ ލެޖެންޑް ރޮބީ ފައުލާ އިންޑިއާގެ ލީގަށް

ލިވަޕޫލްގެ ލެޖެންޑް ރޮބީ ފައުލާ، އިންޑިއާ ސުޕް ލީގްގެ ކުލަބު އީސްޓް ބެންގާލްގެ ކޯޗް ކަމާ ހަވާލު ވެއްޖެ އެވެ.

ދެ ފަހަރެއްގެ މަތިން ލިވަޕޫލަށް ކުޅުނު ކުރީގެ ފޯވަޑް ވަނީ ލިވަޕޫލަށް 183 ލަނޑު ޖަހައިދީފަ އެވެ. އިންޑިއާގެ ފުޓްބޯޅައިގެ މައި ހަބު ކަލްކަތާއަށް ނިސްބަތްވާ އީސްޓް ބެންގާލް ވެގެން ދާނީ ފައުލާ މަސައްކަތް ކުރާ ތިން ވަނަ ކުލަބަށެވެ. ކުރިން މަސައްކަތް ކުރި ދެ ކުލަބަކީ ވެސް އޭޝިއާގެ ކުލަބުތަކެވެ.

ކޯޗެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ތައިލެންޑްގެ މުއަންގްތޯންގް ޔުނައިޓެޑް އެފްސީގަ އެވެ. އެ ކުލަބުގައި އޭނާ މަސައްކަތް ކުރީ ޕްލޭއާ ކޯޗެއްގެ ގޮތުގައި އެއް އަހަރު ވަންދެންނެވެ. އެއް ފަހު އޭނާ ކޯޗް ކަމަށް އެނބުރި އައީ އަށް އަހަރު ފަހުންނެވެ. އެ މުއްދަތުގައި ލިވަޕޫލްގެ އެމްބަސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ. އަދި ކޯޗިން ލައިސެންސް ފުރިހަމަ ކުރުމުގެ މަރުހަލާގެ ތެރެއިން ލިވަޕޫލްގެ އެކެޑެމީގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އޭގެ ފަހުން އޭނާ ކުލަބަކާ ހަވާލުވީ މިދިޔަ އަހަރު އެވެ. އޮސްޓްރޭލިއާގެ ބްރިސްބޯންގެ ރޯރްގެ ކޯޗް ކަމުގައި އެއް އަހަރު ވަންދެން މަސައްކަތް ކުރި އެވެ.

އެ ކުލަބާއެކު ކާމިޔާބު މަސައްކަތެއް ކުރި އެވެ. އޭނާ ހަވާލުވުމުގެ ކުރިން އެ ކުލަބުގެ ނަތީޖާތައް ރަނގަޅެއް ނޫނެވެ. އޭގެ ކުރީގެ ސީޒަންގައި 27 މެޗުން 78 ގޯލް އެ ޓީމު ކޮޅަށް ވަނެވެ. އޭނާ ހަވާލުވެ ޓީމުގެ ޑިފެންސް ވަރުގަދަ ކޮށް ބައިކޮޅަށް ވަންނަ ގޯލްގެ އަދަދު މަދު ކުރި އެވެ. އޭނާ އައިސް ޓީމު އޯވަހޯލް ކުރުމުގެ މަސައްކަތް ކުރި އެވެ. އެގޮތުން 14 ކުޅުންތެރިން ދޫކޮށްލި އެވެ. އޭގެ ކުރީ ސިޒަންގައި 10 ވަނައިގައި ނިންމާލި ޓީމު އޭނާ ވަނީ ލީގްގެ ހަތަރު ވަނަ މަގާމަށް ގެންގޮސްދީފަ އެވެ.

ފައުލާ ވަނީ އޭނާ ކުޅުނު ދުވަސް ވަރު ޕީއެފްއޭ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް 1995 އަދި 96 ގައި ހޯދާފަ އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ އިންގްލެންޑްގައި އުފެދުނު އެންމެ މޮޅު ނެޗަރަލް ސްޓައިކަރުގެ ގޮތުގަ އެވެ.