އިންޑިއާ ފުޓުބޯޅަ

އިންޑިއާގެ އެފްއޭގެ ރައީސްކަމަށް ބުޓިއާގެ ޝައުގު

އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ކަމަށް ވާދަ ކުރަން ޝައުގުވެރިވާ ކަމަށް، އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބައިޗުންގް ބުޓިއާ ބުނެފި އެވެ.

އިންޑިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރު ވެފައިވާ، ބުޓިއާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2011 ވަނަ އަހަރު އެވެ. އޭނާގެ އުފަން ސިޓީ ސިކިމްގެ ޔުނައިޓެޑް ސިކިމް ކުލަބުގެ ރައީސް ކަން ކުރަމުން އަންނަ ބުޓީއާ ބުނީ އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަނަށް ވާދަ ކުރަމަކީ އޭނާ ޝައުގުވެރިވާ ކަމެއް ކަމަށެވެ.

"ތިކަމަކީ ކުރިމަގުގައި ހަމަގައިމު ވެސް އަހަރެން ކުރަން ވިސްނާނެ ކަމެއް." އޭއައިއެފްގެ ރައީސް ކަމަށް ވާން ބޭނުން ވޭތޯ ފޭސްބުކްގައި ކުރި ސުވާލަށް ޖަވާބު ދެމުން ބުޓީއާ ބުންޏެވެ.

އެކަން ކުރާނެ ވަކި މުއްދަތެއް އޭނާ ނުބުނެވެ. އޭނާ ބުނީ މިހާރު އޭނާގެ ފޯކަސް ހުރީ އޭނާގެ އަމިއްލަ ފުޓްބޯޅަ އެކެޑެމީން ހިންގާ ގްރާސް ރޫޓް ފުޓްބޯޅަ ޕްރޮގްރާމް ތަރައްގީ ކުރަން ކަމަށެވެ. އަދި ޑިސްޓްރިކްޓް ލެވަލްގައި ވެސް ފުޓްބޯޅަ ތަރައްގީ ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

އޭއައިއެފްގެ މިހާރުގެ ރައީސް ޕްރަފުލް ޕަޓޭލް ދަނީ 2008 ވަނަ އަހަރުން ފެށިގެން އެ މަގާމު އަދާ ކުރަމުންނެވެ. އެ އަހަރު، އިންޑިއާގެ ފެޑްރޭޝަންގެ ރައީސް ކަމަށް އޭނާ އައީ، އޭރު ރައީސްކަމުގައި ހުންނެވި، ޕްރިޔާ ރަންޖަން ދަޝްމުންޝީގެ ސިއްހީ ހާލަތު ދަށްވެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވުމުންނެވެ.

ޕްރަފުލް ޕަޓޭލް، އޭއައިއެފްގެ ރައީސް ކަމަށް އިންތިހާބަކުން ފުރަތަމަ ވަޑައިގެންނެވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން 2016 ގައި ދެ ވަނަ ފަހަރަށް އޭނާ އިންތިހާބު ކުރި އެވެ. އިންޑިއާގެ ސްޕޯޓްސް ކޯޑް ބުނާ ގޮތުން، މި އަހަރު އޮންނަ އިންތިހާބުގައި އޭނާއަށް ވާދަ ކުރެވުމުގެ ފުރުސަތު ކުޑަ އެވެ.