އަވަށްޓެރި އިންޑިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ބެންގަލޫރު އެފްސީގެ ކޯޗް ކަމުން، ސްޕެއިންގެ ކާލޭސް ކްއަޑްރާޓް ވަކި ކޮށްފި އެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި، ރާއްޖޭގެ މާޒިޔާ އާ ދެކޮޅަށް ކުޅެން ބެންގަލޫރު ޓީމު ގޮވައިގެން މާލެ އައި ކްއަޑްރާޓް ބެންގަލޫރުގެ ކޯޗް ކަމުން ވަކި ކުރީ، އިންޑިއަން ސުޕަ ލީގްގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމުންނެވެ. މާޒިޔާ އާ ދެކޮޅަށް ކުޅެން މިދިޔަ އަހަރު މާލެ އައި ދަތުރަކީ ހެޑް ކޯޗެއްގެ ގޮތުގައި ބެންގަލޫރު ގޮވައިގެން ކްއަޑްރާޓް ރާއްޖެ އައި ފުރަތަމަ ދަތުރެވެ. އޭގެ ކުރިން ބެންގަލޫރުގެ އެސިސްޓެންޓް ކޯޗްގެ ގޮތުގައި 2017 ވަނަ އަހަރުވެސް އޭއެފްސީ ކަޕްގައި އޭނާ މާލެ އައެވެ.
އާ ކޯޗަކު ހަމަޖެހެން ދެން، ވަގުތީ ކޯޗް ކަން ހަވާލު ކޮށްފައި ވަނީ ބެންގަލޫރުގެ އެސިސްޓެންޓް ކޯޗް އަދި އިންޑިއާގެ ފުޓްބޯޅައިގެ ޔޫތު ޑިވްލަޕްމެންޓްގައި ތަޖުރިބާ ހުރި އެ ގައުމުގެ ކޯޗެއް ކަމަށްވާ ނައުޝާދު މޫސާ އާ އެވެ.
އައިއެސްއެލްގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ބެންގަލޫރު މޮޅުވީ ތިން މެޗުންނެވެ. އަނެއް ތިން މެޗު އެއްވަރުވެ އަނެއް ތިން މެން ބަލިވީ އެވެ. މިދިޔަ އަހަރު ލީގްގެ ތިން ވަނަ ހޯދި ޓީމު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.
ބެންގަލޫރުގައި އެސިސްޓެންޓެއްގެ ގޮތުގައި ކްއަޑްރާޓް މަސައްކަތް ކުރީ، އެފްސީ ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަންގެ މިހާރުގެ އެސިސްޓެންޓް އަލްބަޓް ރޮކާ އާ އެކު އެވެ. ރޮކާ އާއެކު ކްއަޑްރާޓް މަސައްކަތް ކޮށް، 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފައިނަލަށް ބެންގަލޫރު ގެންގޮސް ދިނެވެ.
ބެންގަލޫރުގެ ކޯޗް ކަމަށް އަންނާނެ ކަމަށް ބެލެވޭ ނަންތަކެއް އިންޑިއާގެ މީޑިއާ ތަކުން ވަނީ އާންމު ކޮށްފަ އެވެ. ބެންގަލޫރުގެ އެންމެ ފުރަތަމަ ކޯޗް އެސްލީ ވުޑްސް، އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން ބާސެލޯނާގެ ލަމާސީއާގައި ކުރިން މަސައްކަތް ކުރި އަދި އިންޑިއާ އޮޑިޝާ އެފްސީގެ ކުރީގެ ކޯޗް ޖޯސެފް ގޮމްބާއޯ އަކީ ވެސް އިންޑިއާގައި މީޑީއާ އިން ލަފާ ކުރާ ނަންތަކެވެ. އެހެން ނަމަވެސް އެ ލިސްޓްގެ އެންމެ ހިޓް ނަމަކީ ރޮކާގެ ނަމެވެ.