ހަބަރު

ރަށްރަށް ފެނަށްޖެހުން ދެ އަހަރު ތެރޭ ހައްލުވާނެ: މިނިސްޓްރީ

Oct 14, 2015

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ އިރުވައި މޫސުމުގައި ރަށްރަށް ފެނަށް ޖެހުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރު ޢަބްދުލް މަތީން މުހައްމަދު ވިދާޅުވީ ދެ އަހަރުގެ ތެރޭ އިރުވައި މޫސުމުގައި ރަށްރަށް ފެނަށް ޖެހުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމަށާއި ތާނގީ ގާއިމް ކުރި ރަށްރަށުގައި އަހަރު ދުވަހަށް ބޭނުންވާ ފެން ރައްކާކުރެވޭނެ ކަމަށެވެ.

މަތީން މިހެން ވިދާޅުވީ މި މަޝްރޫއުގައި ރ. އަނގޮޅިތީމާއި އެ އަތޮޅު ރަސްގެތީމާއި ވާދޫގައި ގާއިމްކުރި ވާރޭ ފެން ނަގާ ތާނގީތައް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށް ބޯފެނަށް ޖެހެމުންދާތީ އެކަން ހައްލު ކުރަން އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫއުގެ ދަށުން މި ތިންރަށުގައި ގާއިމުކޮށްފައި ވަނީ 64 ޓަނުގެ ފެން ރައްކާ ކުރާ ތާނގީތަކެކެވެ. އެއިން ކޮންމެ ރަށެއްގައި ބޯފެން ނެގުމުގެ ނިޒާމު ގާއިމު ކުރަން 71 ލައްކައަށްވެރެ ގިނަ ރުފިޔާ ހޭދަ ކުރިއެވެ.

އިރުވައި މޫސުމުގައި ބައެއް ރަށްރަށުން ބޯފެން ހުސްވާ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢު ފުރަތަމަ ފެށީ ރ. އަތޮޅާއި ބ. އަތޮޅުގަ އެވެ. މިހާރު ނުވަ ރަށެއްގައި މަސައްކަތް ނިމި ފެން ބޭނުން ކުރެވެމުން އެބަދެ އެވެ. އަދި 11 އެގާރަ ރަށެއްގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް އެބަ ހިނގަ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮންމެ އަހަރެއް ފެށޭ ހިސާބުގައި 100 އަށް ވުރެ ގިނަ ރަށް ފެނަށްޖެހި ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުން ފެން ފޯރުކޮށްދޭންޖެހެ އެވެ.