ހަބަރު

އައްޑޫ ޑްރަގު މައްސަލަ: ޝަރީއަތް ނިމެންދެން ތިން މީހަކު ބަންދުކޮށްފި

Oct 10, 2020

ބޮޑު ޑްރަގުގެ އޮޕަރޭޝަނުގައި އައްޑޫން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރު ކޮށްފި އެވެ.

ކޯޓުގެ އެ އަމުރު އައީ ސ. ހިތަދޫ، ފިނިފަރު، ހަސަން އާމިރު 25، އާއި އެ ރަށު ބުލޫބާޑް، ހޫދު ލަތީފް 24، އާއި މަންދޫބުގޭ، ހުސައިން ސިމާހު 27، ގެ މައްޗަށެވެ.

ފުލުހުން މިއަދު ބުނީ މީގެ ތެރޭގައި ހިމެނޭ ހޫދަކީ މި މައްސަލައާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކޮށް، އެ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ މީހެއް ކަމަށެވެ. އަނެއް ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބުމަށް އަމުރު ކޮށްފައި ވަނީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން އިއްޔެ ކަމަށެވެ.

މި ތިން މީހުންނާއެކު ޖުމްލަ ފަސް މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދު ޖަހާފަ އެވެ. ކުރިން ބަނދު ޖަހައި ދިނީ ސ. ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހިމް 33، އާއި އެ ރަށު ކޯޅި، މުހުއްމަދު ޔާމީން ނަސީރު 23، އެވެ.

މި އެންމެނަށް ބަނދު މުއްދަތު ދިނީ ވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.