އެމްޑީޕީ

ދަރަނީގެ ހިސާބުތައް އަމީރު ބަލަހައްޓަވާނެ: އެމްޑީޕީ

Oct 10, 2020

ރާއްޖޭގެ ދަރަނީގެ ހިސާބުތައް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ކޯލިޝަން ސަރުކާރުގެ މައިޕާޓީ، އެމްޑީޕީގެ ސެކްރެޓޭރިއަޓުން ކުރި ޓްވީޓެއްގައި ބުނީ "ދަރަނީގެ ހިސާބުތައް އެ ޕާޓީގެ މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ" ކަމަށެވެ.

އެއީ ކޮން ކަމަކާ ގުޅުވައި އެމްޑީޕީގެ ސެކްރެޓޭރިއަޓުން ކުރި ޓްވީޓެއް ކަމެއް މުޅީން ސާފުކޮށް ދީފައެއް ނުވެއެވެ.

ނަމަވެސް އެ ޓްވީޓް ކުރި އިރު އެންމެ ގިނައިން ރާއްޖެއިން ދަރަނި ދައްކަން ޖެހޭނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުތެ ރޭގައި ކަމަށާއި ސަރުކާރުގައި އާމްދަނީއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ވިދާޅުވެފައި ވެއެވެ.

އެ މަނިކުފާނު ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭ އިރު އެ ވަރަށް އާމްދަނީ ނެތުން ކަމަށާއި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ގިނަ ދަރަނި ތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ދައްކަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށެވެ.

އަދި މި ވަގުތު ސަރުކާރުގެ އާމްދަނީ ނެތިފައި އޮތުމުން އެންމެ ގިނައިން ދަރަނި ދައްކަން ޖެހެނީ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކަމަށާޢީ ހާލަތަށް ރިއާޔަތްކޮށް އެންމެ ބުއްދިވެރިގޮތަކީ 2012 އާއި 2018 އާ ދެމެދު ނަގާފައިވާ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލައި ރީސްޓްރަކްޗާ ކުރުން ކަމަށް ވެސް ކުރީގެ ރައީސް ވިދާޅުވެފައި ވެއެވެ.