ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުއްދަނެތި މީހެއްގެ ގައިގައި އަތްލުމަކީ ޖިނާއީ ކުށެއް: އުޝާމް

މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީ ވެސް ޖިނާއީ ކުށެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ސާމްޕަލް ނަގަން އުޅުނު ހެލްތު ފްރޮންޓްލައިން އޮފިޝަލަކަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މާފަންނު މަދަރުސާގައި ގާއިމުވެފައިވާ ކޮވިޑް ރެޕިޑް ރެސްޕޯންސް ޓީމުގައި ހިމެނޭ ފްރޮންޓްލައިން މުވައްޒަފަކަށް އެމްޑީޕީއަށް ނިސްބަތްވާ އިކްރާމް، ހަމަލާ ދީ މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ ތުހުމަތު ކުރަމުން ގެންދާއިރު މެންބަރު އިކްރާމް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ނަމަވެސް ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލައި އޭނާގެ ނަން އޮޅުން ފިލުވި ކަމަށް އިކްރާމް ވިދާޅުވެ އެވެ. އަދި އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އިއްޔެއާ ރޭ ވެސް އޭނާ ވަނީ ގިނަ ޓްވީޓްތަކެއްކޮށް ގިނަ ވާހަކަތައް ދައްކަވާފަ އެވެ.

ނަމަވެސް އެ ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ މެންބަރު އިކްރާމް އޭނާގެ ސާމްޕަލް ނަގަން އުޅުނު ފްރޮންޓްލައިން މުވައްޒަފަށް އަތުން ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާއަކީ ކާކުކަން ނޭނގޭތޯ ސުވާލު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލާފައިވާ ކަމަށް މެންބަރު އިކްރާމް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ މާރާމާރީ އަކަށް ވަނީ ހަަަމަލާއެއް ދިނުމުން އެކަނި ނޫން ކަމަށެވެ. މީހެއްގެ ހުއްދަ ނެތި ގައިގަ އަތްލުމަކީ ވެސް ޖިނާއީ ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާރާމާރީ އަކަށް ވަނީ ހަމަ އެކަނި ހަމަލާ އެއް ދިނުމުން ނެއްނޫން. މީހެއްގެ ހުއްދަ ނެތި ގައިގަ އަތްލުމަކީ ވެސް ޖިނާއީ ކުށެއް،" އުޝާމް ވިދާޅުވިއެވެ.

ރޭ އެޗްޕީއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޗްއީއޯސީއާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ދެމުންދާ ހިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް ދެމުންދާ ހިދުމަތްތަކެކެވެ. އަދި ހިދުމަތް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދީގެން ފޯރުކޮށްދޭ ހިދުމަތެއް ކަަމަށެވެ.

"މި މަސައްކަތުގައި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތް ކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެން، ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އަމަލު ކުރުމށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދި އޯގާތެރި ކަމާއެކު ކަމަށް ދަންނަވަން،"

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ. އެކަމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.