ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެންބަރު އިކްރާމްގެ މައްސަލަ މަޖިލީހަށް

ސާމްޕަލް ނަގަން އުޅުނު ހެލްތު ފްރޮންޓްލައިން އޮފިޝަލަކަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ. އެ ޔޫނިއަންއިން ވަނީ ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށެވެ.

އެ ޔޫނިއަންއިން މިއަދު އެކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނީ އިކްރާމްގެ ސާމްޕަލް ނެގި ހިދުމަތްތެރިޔާއަށް ދެ ފަހަރެއްގެ މަތިން އަތް އިސްކޮށް، އެއް ފަހަރު އަތުގައި އަނެއް ފަހަރު ފޭސް ޝީލްގައި އަތްލާ އޭނާއަށް އަނިޔާކުރާނަމަ ޖެހުމުގެ ހައްގުގެ އޮންނާނެ ކަމަށާ އަދި ޖަހާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާ ކަމަށެވެ. އަދި އޭނާއަކީ މަޖިލީސް މެންބަރެއް ކަމަށާ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާގެ މައްސަލަ ފުލުހަށް ހުށައަޅާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހިދުމަތްތެރިޔާގެ ނަން ހޯދަން ތަކުރާރުކޮށް މަސައްކަތް ކޮށް އެ ހިދުމަތްތެރިޔާއަށް ނިސްބަތްކޮށް "ތިއީ މުސްލިމެއް ނޫން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދައްކާފައިވާ ކަމަށްވެސް އެމްއެޗްޕީޔޫއިން ބުންޏެވެ.

މެންބަރު އިކްރާމް ސިއްހީ އޮފިޝަލަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުންވެސް އެ މައްސަލަ ވަނީ ބަލަން ފަށާފަ އެވެ. އެ މައްސަލާގައި އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން އިކްރާމް ވެސް ގެންދަވަނީ ފުލުފުލުގައި ޓްވީޓް ކުރައްވަމުންނެވެ. އަދި އެހެން ތަންތަނުން ޓެސްޓް ހެއްދެވިއިރު އެއްވެސް އުނދަގުލެއް ނުވާ ކަމަށް ވިދާޅުވެ މާފަންނު މަދަރުސާގައި އޭނާ ޓެސްޓް ކުރި އޮފިޝަލަަށް ފާޑުވިދާޅުވި އެވެ.

އެކަމާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޗްއީއޯސީއާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ދެމުންދާ ހިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް ދެމުންދާ ހިދުމަތްތަކެކެވެ. އަދި ހިދުމަތް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދީގެން ފޯރުކޮށްދޭ ހިދުމަތެއް ކަަމަށެވެ.

"މި މަސައްކަތުގައި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތް ކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެން، ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އަމަލު ކުރުމށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދި އޯގާތެރިކަމާއެކު ކަމަށް ދަންނަވަން،"