ބޮލީވުޑް

އަކްޝޭގެ "ލަކްޝްމީ ބޮމް" ޓްރެއިލާއަށް ތައުރީފު

އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" އަކީ ގިނަ ބައެއްގެ އިންތިޒާރާ ގުޅިފައިވާ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. އެއާއެކު ބޮލީވުޑް ތަރިންނާއި އަކްޝޭގެ ފޭނުން ވަނީ ޓްރެއިލާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި މި ފިލްމަށް ތައުރީފުކޮށް ފުރަތަމަ މެސެޖުކުރީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ. ކަރަން ބުނެފައި ވަނީ މިފަހަރުގެ ދިވާލީގައި މި ފިލްމު ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ ކަމަށެވެ.

އެކްޓަރު އަދި ޑައިރެކްޓަރު ފަރްހާން އަޚްތަރު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއީ ހީނ ހީނ ބަނޑުގައި ގޮއްލާވަރުގެ މަޖާ ފިލްމަކަށް ވާނެ ކަން ޓްރެއިލާ ބަލާފައި ގަބޫލު ކުރެވިއްޖެ ކަމަށެވެ. އަދި ފިލްމުގައި ބައިވެރިވާ އެންމެންނަށް ފަރްހާން ވަނީ މަރުހަބާ ކިޔާފަ އެވެ.

ޑައިރެކްޓަރު އައްބާސް މަސްތާނު މި ފިލްމުގެ ޓްރެއިލާއަށް ތައުރީފު ކުރަމުން ބުނެފައި ވަނީ އަޖައިބެއް ކަހަލަ ރީތި ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އެކްޓަރު ރިތޭޝް ދޭޝްމުކް ބުނެފައި ވަނީ އޭނާގެ ދިވާލީ އަކްޝޭގެ ފިލުމު ބެލުމަށް ޕޮޕްކޯން އާއެކު ބުކް ކޮށްފި ކަމަށެވެ. ބަތަލާ ބޫމީ ޕެޑްނޭކަރްގެ މެސެޖުގައި ކޮންމެ ފަހަރަކު ވެސް ބެލުންތެރިން ހައިރާންކޮށްލުމުގައި އަކްޝޭ ކާމިޔާބު ހޯދާ ކަމަށާއި މިފަހަރު ވެސް ހަމަ އެގޮތަށް މި ޓްރެއިލާ އިން އެންމެން ހައިރާން ކޮށްލައިފި ކަމަށެވެ.

ކިއާރާ އަދުވާނީ އާއި ސިދާރްތު މަލްހޯތުރާ ފަދަ ތަރިން ވެސް ހަމަ މި މޭރުމުން އަކްޝޭ އަށް ތަހުނިޔާ ކިޔާ ތައުރީފު ކޮށްފައި ވެއެވެ.

އަކްޝޭގެ "ލަކްޝްމީ ބޮމް" އަކީ ހޮރޯ-ކޮމެޑީ ފިލްމެކެވެ. ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.