ލައިފްސްޓައިލް

ފިހާރައަކުން ވައްކަން ކޮށްފައި މާފަށް އެދި ނޯޓެއް!

އިންޑިޔާގެ މަދުރާއީގެ ރަށެއްގެ ސުޕަމާކެޓެއްގައި ހުރި ފިހާރައަކުން 65،000 ރުޕީސްގެ ތަކެތި ވަގަށް ނެގި މީހަކު، ވައްކަން ކޮށްފައި ދަމުން މައާފަށް އެދި ނޯޓެއް ލިޔެ ބާއްވައިފި އެވެ.

"މައާފަށް އެދެން. އަހަރެން މިހިރީ ވަރަށް ބަނޑުހައި ވެފަ. ކަލޭމެންނަށް ތި ގެއްލުނީ އެންމެ ދުވަހެއްގެ ރެވެނިއު. އެކަމަކު އަހަރެންނަށް މިއީ ތިން މަސް ދުވަހުން ލިބޭހާ ރެވެނިއު،" ތަކެތި ވަގަށް ނެގި މީހާ ލިޔެފައިވާ ނޯޓުގައި ވެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ވައްކަން ކޮށްފައި ވަނީ މަދުރާއީ ރޯޑުގައި ހުންނަ އުސިލަމްޕުއްޓީ އިންނެވެ.

ފިހާރައިގެ ވެރިމީހާ އަކީ 30 އަހަރުގެ ޒުވާނެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އޭނާ އާދައިގެ މަތިން ފިހާރަ ހުޅުވަން އައިއިރު ފިހާރަ ހުރީ ފަޅާލާފަ އެވެ. އަދި ދެ ކޮމްޕިއުޓަރާއި ޓީވީ އަކާއި 5،000 ރުޕީސްގެ ނަގުދު ފައިސާ ފިހާރައިން ވަގަށް ނަގާފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި ވަގު ކަލޭގެ ވަނީ ފިހާރައިގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ އިން ރެކޯޑް ކުރެވިފައިވާ ސީސީޓީވީ ފުޓޭޖް ވެސް ވަގަށް ނަގާފަ އެވެ.

ފިންގަޕްރިންޓް އެކްސްޕާޓުން އައިސް ބަލައި އިނގިލީގެ ނިޝާންތައް ނަގައިގެން މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

ހަމަ މިކަހަލަ ހާދިސާއެއް މިދިޔަ އަހަރު ޓެމިލް ނާޑޫގައި ވެސް ހިނގާފައި ވެއެވެ. އެ ރަށުގެ ފިހާރައަކުން ވައްކަން ކުރި މީހަކު ވެސް ވައްގަނޑުގައި ހުރި ފައިސާތައް ވަގަށް ނަގައިގެން ގެންދަމުން ނޯޓެއް ލިޔެ އެ ވަތްގަނޑުގައި ބާއްވާފައި އޮތެވެ.

"އަހަރެން ތި ފިހާރަ ފަޅާލައިގެން މިވަނީ އަހަރެންގެ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން. އެކަމަކު ކަލޭގެ ފިހާރަ ވަތްގަނޑުގައި އެންމެ ރުފިޔާއެއް ވެސް ނެތް. އެހެންވެ އަހަރެން ގަސްތުކުރީ މި މަންކީ ބިޒިނަސް ކޮށްލަން،" އެމީހާ ލިޔެފައިވާ ނޯޓުގައި ވެއެވެ.

އެމީހާ ބުނި ގޮތަށް އޭނާ ގޮސްފައިވަނީ ފިހާރައަށް ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ.