ކޮވިޑް-19 އިގެ ނުރައްކާ އެންމެ ބޮޑީ އަދި ފުރާނަ ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ކައިވެނި ނުކޮށް ތިބޭ މަދުން އާމްދަނީ ލިބޭ، ތައުލީމީ ފެންވަރު ދަށް މީހުންނަށް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ސްޓޮކްހޯމް ޔުނިވާސިޓީ އޮފް ސްވިޑްންގެ ސައިންސްވެރިން ކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ އެކި މީހުންނަށް ކޮވިޑް-19 އިގެ އަސަރުކުރާ ގޮތް ތަފާތު ކަމަށާއި އަދި ނުރައްކާވާ ގޮތް ވެސް ތަފާތު ކަމަށެވެ. އެގޮތުން ކައިވެނި ނުކުރާ ފިރިހެނުންނަށް ކޮވިޑް ޖެހުމާއި ފުރާނައަށް ނުރައްކާވުން އިތުރުކަން މި ހޯދުމުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި ދިރާސާގައި ބަލާފައިވަނީ ސްވިޑްންގެ ނެޝަނަލް ބޯޑު އޮފް ހެލްތު އެންޑް ވެލްފެއާ އިން އެއްކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނުނު ކޮވިޑް ޖެހިގެން މަރުވި މީހުންނާއި 20 އަހަރުން މަތީގެ މީހުން މީގެ ތެރޭގައި ހިމެނުނު ވަރާއި އެމީހުންގެ މައުލޫމާތު ހިމެނެ އެވެ.
ޖާނަލް ނޭޗާ ކޮމިއުނިކޭޝަންގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސްވިޑްންގައި އުފަންވީ މީހުންނަށް ވުރެ އެހެން ގައުމުތަކުގައި އުފަންވި އެގައުމުގެ މީހުންނަށް ކޮވިޑް ޖެހިގެން މަރުވި ރޭޓް ދަށެވެ. މިއީ އެމީހުންގެ އާމްދަނީ އާއި ތައުލީމީ ފެންވަރުގެ މައުލޫމާތު ނެގި ގޮތެވެ. ސައިންސްވެރިން ބަލާފައި ވަނީ ބޭރު ގައުމުތަކުގައި އާއްމުކޮށް ދިރި އުޅޭނީ ތައުލީމީ ފެންވަރު ރަނގަޅު އަދި ފައިސާގެ ގޮތުން ތަނަވަސް މީހުން ކަމަށެވެ.
މި ދިރާސާގައި ބުނެފައިވަނީ މަދުން އާމްދަނީ ލިބޭ އަދި ތައުލީމު މަދުން ލިބިފައި ތިބި ފިރިހެނުން ކޮވިޑް ޖެހިގެން މަރުވުމުގެ ނުރައްކާ މާ ބޮޑަށް އިތުރު ކަމަށެވެ. އަދި އަންހެނުންނަށް ވުރެ ފިރިހެނުން މި ބަލީގައި މަރުވުމުގެ ނުރައްކާ ދެ ގުނަ އިތުރުކަމަށް ވެސް މި ހޯދުމުގައި ފާހަގަ ކޮށްފައި ވެއެވެ.
ކައިވެނިނުކުރާ އަންހެނުންނާއި ފިރިހެނުންގެ ތެރޭގައި ސައިންސްވެރިން ބަލާފައި ވަނީ ދުވަހަކުވެސް ކައިވެނި ނުކުރާ މީހުންނާއި އަނބިން ނުވަތަ ފިރިން މަރުވެ ހުވަފަތް ވެފައި ތިބި މީހުންނެވެ. ނުވަތަ މީހުންނަށް ކޮވިޑް ޖެހިގެން މަރުވުމުގެ ފުރުސަތު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ވުރެ 1.5 އާއި 2 ޕަސެންޓާ ދެމެދުގެ ވަރެއް އިތުރުކަމަށް ދިރާސާއިން ދައްކާފައި ވެއެވެ.
ސައިންސްވެރިން ބުނަނީ ފިރިހެނުން މިބަލީގައި މަރުވާ ރޭޓް މަތިވެފައި އުމުރު ހަގު މީހުން ގިނައިން މަރުވަނީ އެމީހުންގެ ލައިފްސްޓައިލް ހުންނަ ގޮތުންނާއި ހަށިގަނޑު އުފެދިފައި ހުންނަ ގޮތުން ނުވަތަ ބައޮލޮޖީގެ ސަބަބުން ކަމަށް ބެލެވިފައިވާ ކަމަށެވެ.
ތައުލީމު ނެތުމާއި އާމްދަނީ ދަށްވުމުން މަރުވާ ރޭޓް އިތުރުވަނީ ބަލިވުމުން ފަރުވާ ހޯދުމުގެ ބަދަލުގައި އެމީހުން ފަރުވާ ނުކޮށް ވޭތޯ ބަލާތީ ކަމަށާއި ދެން ގޮތެއް ނެތިގެން ހޮސްޕިޓަލަކާ ހަމަޔަށް ދާއިރު މާ ބޮޑުވަރު ވެފައި ތިބޭތީ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.
ސައިންސްވެރިން މީގެ ކުރިން ކޮށްފައިވާ އެހެން ބައެއް ދިރާސާތަކުން ވެސް ދައްކާފައިވަނީ އެއްގޮތަކަށް ވެސް ކައިވެނި ނުކުރާ މީހުންނާއި ވަރިވެ ނުވަތަ ހުވަފަތް ވެފައިތިބޭ ފިރިހެނުން މަރުވާ ރޭޓް ކައިވެނިކޮށްގެން އުޅޭ މީހުންނަށް ވުރެ އިތުރު ކަމަށެވެ.