ހަބަރު

"ވަކީލު ހޯދަން ކަރެކްޝަން އެއްބާރުލުމެއް ނުދޭ"

ކަރެކްޝަނުން ބާއްވާފައި އޮންނަނީ "ކޮތަރު ކޮއްޓެއް" ގައި ކަމަށް ވުމުން ވަކީލަކު އައްޔަން ކުރުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލު، އޭނާގެ ޝަރީއަތުގައި މިއަދު ބުނެފި އެވެ.

ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މަރުުގެ އެ މައްސަލަ އާއި ގުޅިގެން އަދުހަމް މުހައްމަދު ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު 19، 2019 އިގަ އެވެ. ގާސިމް މަރާލި ކަމަށް އެއްބަސްވުމަށް ފަހު އެއީ ގާސިމް މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ފަހުން ވަނީ ފަހުން އެކަމަށް އިންކާރު ކޮށް، ގާސިމް ނުމަރާ ކަމަށް ވެސް ބުނެފަ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. މީގެ ކުރިން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން މި މައްސަލާގައި އައްޔަން ކޮށްފައިވާ ވަކީލާއެކު ކުރިއަށް ދާން ބޭނުން ނުވާ ކަމަށް އަދުހަމް ވަނީ ބުނެފަ އެވެ. އަދި އާ ވަކީލަކު އައްޔަން ކުރުމަށް ގާޒީ ވަނީ އޭނާއަށް ވަނީ ފުރުސަތު ދެއްވާފަ އެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ މި ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ ވަކީލަކު އައްޔަން ކުރުމަށް ދިން ފުރުސަތުގައި ވަކީލަކު އައްޔަން ނުކުރީ ކީއްވެތޯ އަދުހަމާއި ސުވާލު ކޮށްފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ ކަރެކްޝަނުން އޭނާ ބާއްވާފައި އޮންނަނީ އެއްވެސް އަލިކަމެއް ނެތް "ކޮތަރު ކޮއްޓެއް" ގައި ކަމަށެވެ. ފޯނު ކޯލް ކުރުމަށް ވެސް އޭނާއަށް ފުރުސަތު ދީފައި ނުވާ ކަމަށެވެ. އެހެންކަމުން ވަކީލަކު އައްޔަން ކުރަން އުދަނގޫ ކަމަށާއި އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ.

އެކަމަކު މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ ވަކީލަކާ ނުލައިވެސް މައްސަލަ ކުރިއަށް ގެންދިޔުމަށް އެއްބަސްވެފަ އެވެ. ގޮތަށް އޭނާ ކުރިއަށް ދާން ބޭނުން ވަނީ މި މައްސަލައާއި ގުޅޭ ހުރިހާ ލިޔެ ކިޔުންތައް އޭނާ އަތަށް ލިބުމުން ކަމަށް ބުނުމުން ގާޒީ ވަނީ މިއަދުގެ ވަގުތެއްގައި ކަރެކްޝަން މެދުވެރިކޮށް އެ ލިޔެ ކިޔުންތައް އޭނާއާ ހަވާލު ކުރަން އަންގާފަ އެވެ.

މިއަށް ޖަވާބު ދެއްވަމުން ދައުލަތުން މީގެ ކުރިން އަދުހަމަށް އައްޔަން ކުރެއްވި ވަކިލާ ރުކުޝާނާ ވިދާޅުވީ މިއަދުގެ ވަގުތެއްގައި ކަރެކްޝާނާއި އެ ލިޔުންތައް ހަވާލު ކުރާނެ ކަމަށެވެ.

އަދުހަމް ބުނީ ވަކީލަކަށް ވުރެ އޭނާގެ ދޫވެސް ވަކި ފަރިތަކަން ކުޑަ ނުވާނެ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ އެނގޭ މިންވަރަކުން އޭނާ އަށްވެސް ވަކާލާތު ކުރެވިދާނެ ކަމަށެވެ. މި މައްސަލައާ ބެހޭގޮތުން އެނގެން ޖެހޭ ހުރިހާ އެއްޗެއް މިހާރު ހުންނާނީ ހޯދައި ބަލައި ދެނަގަނެފައި ކަމަށް ވެސް ބުންޏެވެ.

ދައުލަތުން ކޯޓުގައި އެދިފައިވަނީ މި މައްސަލައިގައި އަވަސް ނިންމުމެއް ނިންމައި ގާސިމަށް ވީހާވެސް އަވަހަށް އިންސާފް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. އެހެން ކަމުން ގާޒީ އިސްމާއިލް ރަޝީދު ވަނީ ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަހުގެ މުއްދަތު އަދުހަމަށް ދީފަ އެވެ.

އަދުހަމަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.