އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ފަރުވާ ހޯއްދަވަން ބޮޑާ ހާއްކަވާ ކަމަށާއި އެ މަނިކފާނު އަމަލުތަކުގެ ސަބަބުން އެހެން ބޭފުޅުންނަށް ބަލި ޖެހިދާނެ ކަމަށް ތުހުމަތުކުރާ ރިޕޯޓްތައް އާންމުވެފައި ވަނިކޮށް އެމަނިކުފާނުގެ ފަރާތްޕުޅުން އެހެން މީހުންނަށް މިހާރު ބަލި ނުފެތުރޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގެ އިސް ފިޒީޝަން ޑޮކްޓަރު ޝޯން ކޯންލީ ވިދާޅުވީ ރައީސް ޓްރަމްގެ ފަރާތްޕުޅުން އެހެން މީހުނަށް ކޮވިޑް ޖެހުމުގެ ފުރުސަތު މިހާރު ނެތް ކަމަށެވެ. އޭނާ އެހެން ވިދާޅުވި އިރު ވަހައިޓް ހައުސްގެ ބެލްކަންޏަށް ނުކުންނަވައި ޓްރަމްޕް ވަނީ ސަޕޯޓަރުންނާ މުހާތަބް ކުރައްވައިފަ އެވެ. މިއީ ކޮވިޑް ޖެހުނު ފަހުން އެގޮތަށް ރަސްމީކޮށް އާއްމުންނާ ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ.
ރޭގެ މުހާތަބު ކުރެއްވުމުގައި ވެސް މިހާރު ކޮވިޑަށް ބޭސް ބޭނުން ނުކުރައްވައި ކަމަށް ވިދާޅުވެ އެވެ. އަދި ހާލުކޮޅު ވަރަށް ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޓްރަމްޕަށް ކޮވިޑް ޖެހުމުން މި އޮކްޓޯބަރުގެ ދެވަނަ ދުވަހު ވޯލްޓާ ރީޑް މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާދިނެވެ. ޓްރަމްޕަށް ދިން ފަރުވާތަކުގެ ތެރޭގައި ސްޓެރޮއިޑެއް ކަމަށްވާ ޑެޒަމެތަސޯން ހިމެނެ އެވެ.