ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލްވުމުގެ ތަފްސީލެއް މަޖިލީހުން އަދި ޑިފެންސް މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވެއެވެ. ރައީސް ނަޝީދު، ސިފައިންގެ އިސްވެރިންނާއި ބައްދަލް ކުރައްވާފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ. އަދި އިންޑިއާގެ ދިފާއުގައި ނަޝީދު ތަކުރާރުކޮށް ވާހަކަ ދައްކަމުންދާ ވަގުތެއްގައެވެ.
ދާދި ފަހުން މަޖިލީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ "އިންޑިއާ އަައުޓް" ކެންޕެއިންއަކީ ޖުމްލަކޮށް ދަންނަވާނަމަ ދިވެހިން ބައިވެރި ވެގެން ހިނގާ ކެންޕެއިނެއް ނޫން ކަމަށެވެ. އެ ކެންޕެއިން އެމަނިކުފާނަށް ގުޅެވެނީ ހަމައެކަނި ހަރުކަށި ފިކުރުގެ މީހުންނާ ކަމަށާ އިންޑިއާ އައުޓްގެ ނަމުގައި ޓްވީޓްކުރާ ގިނަ މީހުންނަކީ އެކަމަށް ވަކި އެކައުންޓްތަކެއް ހަދައިގެން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި އެ ހަރަކާތުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ބައިވެރިވާނެ ކަަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ.
"އެއީ އެއް އެއްވެސް ހާލެއްގައި ދިވެހިން ޖުމްލަކޮށް ބޮޑު ގޮތެއްގައި އޭގެ ތެރޭގައި ބައިވެރިވެގެން ހިނގާ މަސައްކަތެއް ގޮތުގައި އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑު ވަރަށް ހިތާމަ ކުރަން ކަމެއް އެއީ، މި މަސައްކަތަކީ ހަރުކަށި ޖަމާއަތްތަކުން ހިންގަމުން ގެންދާ މަސައްކަތެއް. އެ މަސައްކަތުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވަދެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އަޅުގަނޑު ނުދެކެން އެ މަސައްކަތުގެ ތެރެއަށް، ހަމަކަށަވަރުން ވެސް ސަރުކާރުގައި ހިމެނޭ ޕާޓީތަކަކުން ނުވަންނާނެ،"
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިސްތިގްލާލު ގެއްލޭ ކަންކަމަށް އެއްވެސް ޕާޓީއަކުން ތާއީދު ކޮށްގެން ނުވާނެ ކަމަށެވެ. އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަކީ ރާއްޖެ، އެހެން ގައުމުތަކާއި އެކަހެރިކޮށްލުން، ބައިނަލްއަގްވާމީ އާއިލާއިން ރާއްޖެ ނެރެލުމަށް ހިންގަމުންދާ ހަރަކާތެއް ކަމަށެވެ.
"ދިވެހިރާއްޖޭގައި އިންޑިއާ އައުޓްވެފައި އަނެއް މީހުން އައުޓްވެފައި އަނެއް ގައުމު އައުޓް ވީމާ ދިވެހިން ބައިނަލްއަގްވާމީ އާއިލާއިން ބާކީ ވެގެން ދަނީ،" އަބަދުވެސް އިންޑިއާގެ ދިފާއުގައި ވާހަކަަ ދައްކަވާ ރަައީސް ނަޝީދު ވިދާޅުވި އެވެ.