ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަން ޝެޑިއުލް ކޮށްފި އެވެ.
ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ، ނ. ވެލިދޫ، އެލްޕާސޯ، މުހައްމަދު ހަލީމެވެ. މި މައްސަލަ އޭނާ ކޯޓަށް ހުށައަޅާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ބަލައިގަތީ 22 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުން ބުރާސްފަތި ދުވަހުގެ 9:00 އަށް ތާވަލު ކޮށްފަ އެވެ.
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަން ކުރެއްވުމުން މަޖިލީހުގައި އޭނާގެ ގޮނޑިއާމެދު ވަނީ ގާނޫނީ ސުވާލުތަކެއް އުފެދިފަ އެވެ.
ގިނަ ވަކީލުން ވިދާޅުވީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރުކަން ގަބޫލު ކުރެއްވުމާއެކު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހެއް އަދި އަށެއް ގައި ބުނާ ސަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން އެ މެންބަރު މެންބަރުކަމުން ވަކި ވާނެ ކަމަށެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުންނަވައިގެން މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދައެއް ނުކުރެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެ އެވެ.
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެ ގާނޫނުގައި ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން ޔައުގޫބު ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ގާނޫނީ ލަފާ ހޯއްދެވުމަށް ފަހު ކަމަށެވެ. ނަމަވެސް ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.