ޔައުގޫބު އަބްދުﷲ

ޔައުގޫބުގެ ގޮނޑިއެއް ނުގެއްލޭ: ހުކުމް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމެވީ ޔައުގޫބު މެންބަރު ކަމުގައި ހުންނަވައިގެން ގަބޫލު ކުރެއްވި ވަޒީފާއަކީ މަޖިލީހުގެ މެންބަރުގައި ހުންނަވައިގެން އަދާ ނުކުރެއްވޭނެ ވަޒީފާއެއް ނޫން ކަމަށެވެ.

ޔައުގޫބަށް ރައްދުވި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ހުސްނުއްސުއޫދު އިންނަވާ ގޮތަށް އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ. ފަސް ފަނޑިޔާރުން ވެސް މި ނިންމެވުމަށް އިއްތިފާގުވެ ވަޑައިގަތެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެ މައްސަލަ ކޯޓަށް ވެއްދީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އައްސަދު ޝަރީފެވެ. އޭނާގެ މައްސަލަ ކޯޓަށް ގެންދިޔައީ އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކައުންސިލްގެ މަގާމަކާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުންނެވެ. ނަމަވެސް ފަހުން ޔައުގޫބު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވެއެވެ.

ޝަރީއަތުގައި ހަލީމާއި އައްސަދު އެދި ވަޑައިގަތީ ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ހިލާފުވެފައިވާ ކަމަށެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ހުސްނުއްސޫދު ވިދާޅުވީ އައްސަދާއި ހަލީމް ހުށަހެޅުއްވި ގޮތަށް ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި ނަމަ އެކަން ގާނޫނާއި ހިލާފުވާނެ ކަމެއް ކަމަށެވެ. އަދި އެކަން ވާނީ އެއީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ކަންކަމަށްވުރެ އިތުރަށް އުނި އިތުރު ގެނައުން ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އެ ކަމެއް ކުރުމަށް އަދަބެއް ކަނޑައަޅާފައި ނުވާނަމަ އެ ކަމަށް ސުޕްރީމް ކޯޓަށް ވެސް އަދަބެއް ކަނޑައެއް ނޭޅޭނެ. އެފަދަ ކަމެއް ކަނޑައަޅައިފިނަމަ އެ ކަންކަން ވާނީ ގާނޫނު އަސާސީއަށް ކޯޓުން އުނިއިތުރު ގެނައުން ކަމަށް. ކޯޓްތަކަށް ދީފައިވާ ގާނޫނު އަސާސީ މާނަ ކުރުމުގައި ވެސް އެ ގާނޫނުގައި ބުނެފައިވާ އެއްޗަކަށް އުނި އިތުރެއް ގެނައުމުގެ ބާރެއް ލިބިފައެއް ނުވޭ." ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ފަންނުވެރި ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާއަތްތަކަށް ގާނޫނީ ހައިސިއްޔަތު ދީ ގާނޫނީ އޮނިގަނޑެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މުއައްސަސާތަކަކީ ދައުލަތުގެ މުއައްސަސާތަކެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާ އިދާރާއެއް ވެސް ނޫން ކަމަށެވެ.

އެފަދަ އިދާރާތަކަކީ ދައުލަތުގެ އިދާރާއެއްގެ ބަދަލުގައި އެ ފަންނުގެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުމަށް ގާނޫނީ ހައިސިއްޔަތު ދީފައިވާ މުއައްސަސާތައް ކަމަށް ވެސް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިސްޓިޓިއުޝަންގެ ކައުންސިލްގައި ޔައުގޫބު އަދާކުރެއްވި ވަޒީފާއަކީ ދައުލަތުގެ ވަޒީފާއެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ފަނޑިޔާރު ސުއޫދު ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ މަނާ ވަޒީފާއެއް ނޫން ކަމަށް އޭނާ ވަނީ ކަނޑައަޅާފަ އެވެ. މި ކަމަށް ހުރިހާ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.

ޔައުގޫބުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށަ އެދި ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިމެންދެން، މަޖިލީހަށް ހާޒިރުވާން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް މި މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގައި ހަލީމާއި އައްސަދު އެދިވަޑައިގަތެވެ. ނަމަވެސް މި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅަފަ އެވެ. އަދި ވަގުތީ އަމުރު ނުނެރުނު ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.