ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ. މިއަދު މަރުވެފައިވަނީ އުމުރުން 56 އަހަރުގެ އަންހެނެކެވެ.
މިއަދުގެ މަރާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 35 އަށް ވަނީ އަރައިފަ އެވެ. އެޗްޕީއޭއިން މިއަދު ބުނީ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަަށެވެ. އޭނާ މަރުވީ 2:20 ގައި ކަމަށްވެސް ބުންޏެވެ.
މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 10،800 ވުރެ މައްޗަށް އަރާފައެވެ. އޮގަސްޓް މަހަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު މަހެވެ. އެ މަހު އެކަނިވެސް 3900 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި އެ މަހު އެކަނިވެސް 12 މީހަކު އެ ބަލީގައި މަރުވިއެވެ.
ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މިިދިޔަ މަހާއި މި މަހު ވަނީ ދަށްވެފައެވެ. ނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އެގޮތުން 22 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 153 ބަލި މީހުން އެބަތިއްބެވެ. އެއީ 89 ދިވެހިންނާއި 64 ބިދޭސީންނެވެ.