އާދަމް ޝަރީފު އުމަރު

"އެއްވެސް ގައުމަކަށް ރާއްޖެ ނުހިފޭނެ"

ބަވަނަވެފައިވާ ދުނިޔޭގައި އެއްވެސް ގައުމަކަށް ރާއްޖެ ނުހިފޭނެ ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއަށް ރައްދު ދެއްވައިފި އެވެ.

އިންޑިއާއިން ދިވެހިރާއްޖެ ހިފަން ބޭނުންނަމަ އަދި އެ ގައުުމުގެ ދަށުގައި އޮތް ތަނަކަށް ހަދަން ބޭނުންނަމަ އެކަން މިހާރު އޮންނާނީ ކޮށްފައި ކަމަަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިންޑިއާއިން ރާއްޖެ ހިފަން ދިމާކޮށްފިނަމަ ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ ހުރިހާ ދިވެހިން މަރާފައިވެސް އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖިއްޔާމު އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދެން މިހެެން ދަންނަވާއިރަށް ބައެއް ބޭފުޅުން ވިދާޅުވާނެ ތިމަންނަމެންގެ ސިފައިން... ސިފައިން މަަސައްކަތް ނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން އެންމެން މަރާފަވެސް އެމީހުން ބޭނުންވެއްޖިއްޔާ ކުރާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައިވެސް ހުންނެވި އާދަމް ޝަރީފް ވިދާޅުވީ ހުރިހާ ދިވެހިން މަރާފައިވެސް އިންޑިއާއިން ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

"ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ،"

މި ސަރުކާރުން އިންޑިއާއާ ކިތަންމެ ވަރަކަށް ގުޅުން ބަދަހި ކުރި ނަމަވެސް އެހެން ގައުމުތަކާއި އޮންނަ ގުޅުން ހީނަރު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ މިހާރު ފެށިފައިވާ ހަނގާރަމަ ފެށުނީވެސް ކުރީ ސަރުކާރާ ހެދި ކަމަށެވެ. ޗައިނާއާ ގާތްކަން ބޭއްވި ބޭއްވީނުން އިންޑިއާ މުޅިން އެކަހެރިކޮށްލި ކަމަށް ވިދާޅުވިއެވެ.

އިންޑިއާއާ ގުޅުން ބަދަހި ކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާ ދިވެހިންގެ ބޭސްފަރުވާއާ ކާޑުގެ ބާވަތްތަކަށް ބަރޯސާވާން ޖެހެނީވެސް އިންޑިއާއަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމުގައި ތިބިހާ ދުވަހަކު އިންޑިއާއާ ގުޅުން ވަރުގަދަ ވާނެ. އެކަމަކު އެއްވެސް ހާލަތެއްގައި ދިވެހިރާއްޖޭގެ އިސްތިގާލާލަށް އޭގެން އަސަރެއް ކުރާނެ އެއްވެސް ކަމެއް އަޅުގަނޑުމެނެއްވެސް ނުކުރާނެ އަދި އިންޑިއާއަކުންވެސް ނުކުރާނެ،" ފައްޔާޒު ވިދާޅުވިއެވެ.