ފުރަތަމަ ފަހަރަށް ސަރުކާރުގެ ފަރާތުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަބްމެރިން ކޭބަލްގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެސްސީ) ގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ޗެއާޕާސަން ރިޔާޒް މަންސޫރުއެވެ. އަދި ރިލަޔަންސް ޖިއޯ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް އެޅުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މި މަސައްކަތާއިއެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
![](https://images-01.avas.mv/post/big_UU73k9rjGram0QigQddFLgxLn.jpg)
ޖިއޯ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަން ވިދާޅުވީ، މި އެއްބަސްވުމާއިއެކު އެއް އަޒުމެއްގައި ޖިއޯ ކުންފުންޏާއި އަދި ދިވެހި ސަރުކާރާއިއެކު ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއެރުވުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މި ކޭބަލްގެ ސަބަބުން ރާއްޖެއާއި މި ސަރަހައްދުގެ އެހެން ގައުމުތަކާއި ގުޅި ލާމެހިގެންދާނެކަމަށެވެ.
މި ކޭބަލް މެދުވެރިކޮށް ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ރާއްޖެއާއި މި ސަހަރައްދުގެ އެހެން ގައުމުތަކާ ވެސް ގުޅާލެވޭނެއެވެ. މިއާ އެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުންކޮށްގެން މިހާރަށްވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ
މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުނެ އެވެ. އަދި އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.