ބެލްޖިއަމް

ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއްވަނައަށް

ޔޫއެފާ ނޭޝަން ލީގްގައި ބެލްޖިއަމްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލީގް އޭ ގެ ގުރޫޕް ދޭއްގެ ގުރޫޕް އެއްވަނަ އިންގްލެންޑް ހޯދައިފި އެވެ.

ލަންޑަންގެ ވެމްބްލީގައި ކުޅުނު މެޗުގައި މޮޅަށް ކުޅުނީ ބެލްޖިއަމް އެވެ. ބެލްޖިއަމްގެ ގޯލާ އަމާޒުކޮށް އިންގްލެންޑަށް ފޮނުވާލެވުނީސް ތިން ޝޮޓެވެ. އޭގެ ތެރެއިން ދެ ޝޮޓުން އިންގްލެންޑުން ލަނޑު ކާމިޔާބު ކުރި އެވެ.

މެޗުގެ ކުރީ ކޮޅު ރޮމެލޫ ލުކާކޫގެ ޕެނަލްޓީން ލީޑް ނަގައި ބެލްޖިއަމް ކުޅެމުން ދިޔައީ ރަނގަޅު ގޭމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ތަނަވަސް ކުރި އެވެ. ލަނޑު ޖަހާނެ ހުސް ދެ ފުރުސަތެއްވެސް ބެލްޖިއަމްއަށް ލިބިގެން ދިޔަ އެވެ.

އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރީ ސުވާލު އުފެދުނު ޕެނަލްޓީ އަކުންނެވެ. ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޖޯޑަން ހެންޑަސަން އަށް ތޯމަސް މެނިއާ ކޮންޓެކްޓިވީ ވަރަށް ކުޑަ ކޮށެވެ. ރެފްރީ ދިނީ ޕެނަލްޓީ އެވެ. އިންގެލެންޑްގެ ލަނޑު ކާމިޔާބު ކުރީ މާކޯޝް ރަޝްފާޑް އެވެ.

ޓީމުގެ ފަރިތަކުރުންތަކުގައި ކުޑަ ހާނިކައެއް ކުރިމަތިވި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ދެ ވަނަ ހާފުގައި ކިރަން ޓްރިޕއާ ތަނަވަސް ކޮށްދިން ފުރުސަތަކުން އިންގްލެންޑް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ މޭސަން މައުންޓް އެވެ.

ރޭ އެންމެ ފޯރިގަދަ މެޗަކަށްވީ، ޔޫރޯ 2016 ގެ ފައިނަލުގައި ވާދަ ކުރި، ޗެމްޕިއަން ޕޯޗްގަލް އާއި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ފްރާންސް ލީގް އޭ ގައި ގުރޫޕް ތިނެއްގައި ކުޅުނު މެޗެވެ. މެޗު އެއް ވަރުވީ ލަނޑެއް ނުޖެހި އެވެ. ގުރޫޕް އެކެއްގައި ޕޮލެންޑާ އިޓަލީ ކުޅުނު މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެވެ.