އަމީތާބު ބައްޗަން ހިންދީ ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތައް ބަލައިގަންނަ އަދި އޭނާގެ ފޭނުންނަށް ވެފައިވާ އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. ނަމަވެސް އިންޑިޔާގެ ސޫރަތުގައި ދިރިއުޅޭ މި މީހާ އަކީ އަމީތާބުގެ "ސުޕަ ފޭން" އަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ފާއިތުވީ ވިއްސަކަށް އަހަރުއްސުރެ އޭނާ އަމީތާބުގެ ފޮޓޯ އެއްކުރުމުގެ މަސައްކަތް ފަށައި މިހާރު އޭނާގެ އަތުގައި ގިނަ އަދަދެއްގެ ފޮޓޯ އެބަހުއްޓެވެ. މީގެ ތެރޭގައި ކުދި ކުދި ޕާސްޕޯޓް ސައިޒް ފޮޓޯ އިން ފެށިގެން ބޮޑެތި ޕޯސްޓަރު ތައް ހިމެނެ އެވެ.
ދިވްޔޭޝް ކުމާރު ކިޔާ މި މީހާ އަމީތާބުގެ ފޮޓޯ އެއްކުރަން ފެށީ 1999 ވަނަ އަހަރުން ފެށިގެންނެވެ. މިހާރު އޭނާ އަތުގައި 7000 އަށް ވުރެ ގިނަ ފޮޓޯ އެބަހުއްޓެވެ.
އިންޑިޔާގެ ނިއުސް އެޖެންސީއަކާ ވާހަކަ ދައްކަމުން ދިވްޔޭޝް ބުނީ އަމީތާބު ކުޅުނު "102 ނޮޓް އައުޓް" ފަދައިން އެހާ ދިގު އުމުރެއްގައި އަމީތާބު ދުނިޔޭގައި ހުރުމަކީ އޭނާ އެންމެ އެދޭ ގޮތެވެ. އަމީތާބުގެ 78 ވަނަ އުފަން ދުވަސް އިއްޔެ އޭނާގެ ފޭނުން ފާހަގަ ކޮށްފައިވާއިރު ދިވްޔޭޝް އަކީ ވެސް މިކަން ވަރަށް ކުލަގަދަކޮށް ފާޙަގަކުރި މީހެކެވެ.
ދިވްޔޭޝް ބުނި ގޮތުގައި މިހާތަނަށް 10 ފަހަރެއްގެ މަތިން އަމީތާބާ ބައްދަލުކުރުމުގެ ނަސީބު އޭނާއަށް ލިބިއްޖެ އެވެ.
"އެންމެ ފުރަތަމަ އަހަންނަށް އަމިތު ޖީ އާ ބައްދަލުވީ ދުވަހު އޭނާގެ ފޮޓޮއެއްގައި އެހާތަނަށް އޭނާ ކުޅެފައިވާ ހުރިހާ ފިލްމެއްގެ ނަން ލިޔެފައި ހަދިޔާކުރިން. އަދި އޭނާގެ ކާފަދަރިފުޅަށް ދޭން ވަރަށް ޚާއްސަ ކުޅޭ އެއްޗެއް ވެސް ދިނިން. އަމީތާބު އެހި އެ ކުޅޭއެތި ތައްޔާރުކުރީ ކިހިނެއްހޭ؟ އަހަރެން ބުނިން މީ އަދި ޓްރެއިލާ އެކޭ. ފިލްމު އަދި އޮތިއްޔޭ އަންނަން،" ދިވްޔޭޝް ބުންޏެވެ.
އަމީތާބު މަރުވުމަށްފަހު އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކުރަން ނިންމާފައިވާތީ ދިވްޔޭޝް ވެސް ވަނީ މިހާރު އެގޮތަށް ކަންތައް ކުރަން ފުރިހަމަކުރަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަ ކޮށްފަ އެވެ. އަދި އޭނާގެ މުޅި އާއިލާ ވެސް މިގޮތަށް ގުނަވަންތައް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ދިވްޔޭޝް ބުންޏެވެ.
"އަމީތާބު އެ ކުރީ ވަރަށް ރަނގަޅު އިންސާނީ ޚިދުމަތެއް. އެހެންވެ އަހަރެންނާއި މުޅި އާއިލާއިން އެގޮތަށް ކަންތައް ކުރީ،" ދިވްޔޭޝް ބުންޏެވެ.