އުފެދުމުގައި އިންސާނުންގެ ބައެއް ބައިތަކަށް ބޮޑެތި ބަދަލުތަކެއް މި ފަހަކަށް އައިސް އަންނަން ފަށާފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މި ހޯދުން ބުނާ ގޮތުން މިޒަމާނުގައި އުފަންވާ ވަރަށް ގިނަ ކުދިންގެ ވިސްޑަމް ޓޫތު (އަނގައިގައި އެންމެ ފަހަތަށް އިންނަ ދަތް) އެއްގޮތަކަށް ވެސް ނީނދެ އެވެ. އަދި ބައެއް ކުދިން އުފަންވާއިރު އިތުރު އާޓްރީއެއް އަތުގައި އިނދެ އެވެ. މިއީ މިފަހަކަށް އައިސް އިންސާނުންނަށް އަންނަން ފަށާފައިވާ "މައިކްރޯއިވޮލިއުޝަނެއް" ގެ ގޮތުގައި ސައިންސްވެރިން ސިފަ ކޮށްފައި ވެއެވެ.
ޖާނަލް އޮފް އެނަޓަމީގައި ޝާއިއު ކޮށްފައިވާ އޮސްޓްރޭލިޔާގެ ސައިންސްވެރިންގެ މި ދިރާސާ ބުނާ ގޮތުގައި އިންސާނީ ދަރިފަސްކޮޅަށް ފާއިތުވީ އަހަރު ތަކުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ހަލުއި ކަމާއެކު އެބަ އާދެ އެވެ. މިއީ ފާއިތުވީ 250 އަހަރުއްސުރެ ނާންނަ ކަހަލަ ބަދަލުތަކެކެވެ.
އެގޮތުން ސައިންސްވެރިން ފާހަގަ ކޮށްފައިވާ އެއްކަމަކީ ޒަމާން ފަސްވަމުން ދިޔަ ވަރަކަށް އިންސާނުންގެ މޫނުގެ ދިގުމިން ކުރުވުމެވެ. މޫނު ކުރުވުމުން އަނގަ ކުޑަވެ އަނގައިގެ ތެރޭގައި 32 ދަތް ހުންނާނެ ޖާގަ ނުހުރެ އެވެ.
އެޑެލައިޑްގެ ފްލިންޑާޒް ޔުނިވާސިޓީގެ ސައިންސްވެރިންގެ މި ހޯދުމުގެ ނަތީޖާ ދައްކާފައިވާ ގޮތުގައި އިންސާނުންގެ އުފެދުމަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފަށައި ބަދަލު އަންނަމުންދަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ އެވެ. އެގޮތުން ވަރަށް ގިނަ ކުދިން އުފަންވާއިރު ވިސްޑަމް ޓޫތު ނީންނަ ކަމަށް ދިރާސާގައި ބައިވެރިވި ސައިންސްވެރިއެއް ކަމަށްވާ ޑރ. ޓެގާން ލޫކަސް ވިދާޅުވި އެވެ.
މި ހޯދުން ދައްކާ ގޮތުން ބައެއް މީހުން އުފަންވާއިރު އިތުރު ކަށިތައް އެމީހުންގެ އަތާއި ފައިގައި ހުރެ އެވެ. އަދި މޫނުގެ ދިގުމިން ވެސް ކުރިން އުފަންވާ މީހުންނާ ބަލާއިރު ނިސްބަތުން ކުރެވެ.
"ވަރަށް ގިނަ މީހުން ހީކުރަނީ ޒަމާނާއެކު އިންސާނުންނަށް ބަދަލު އައުން މިހާރު ހުއްޓިފައި އޮތް ކަމަށް. ނަމަވެސް އަހަރެމެންގެ ދިރާސާއިން ދައްކާފައިވަނީ އަދިވެސް އިންސާނުންނަށް ބޮޑެތި ބަދަލުތަކެއް އެބަ އަންނަ ކަން. އަދި އެ ބަދަލަކީ މީގެ 250 އަހަރު ކުރި އާ އަޅާ ބަލާއިރު ވަރަށް ހަލުވިކޮށް އަންނަމުންދާ ބަދަލެއްކަން،" ސައިންސްވެރިޔާ ވިދާޅުވި އެވެ.
އެގޮތުން 19 ވަނަ ގަރުނުއްސުރެ ސައިންސްވެރިންނަށް ފާހަގަ ކުރެވިފައިވާ އެއް ބަދަލަކީ އަތުގައި ދެ އާޓްރީ ހުރި ކުދިން އުފަންވާ މިންވަރު ގިނަ ވުމެވެ. މިހާރު އުފަންވާ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖެއްގެ ހުންނަނީ މިގޮތަށް ކަމަށާއި މއިީ ހަގީގަތުގައި ނުރައްކާތެރި ކަމެއް ކަމަށް ސައިންސްވެރިޔާ ވިދާޅުވި އެވެ. ސަބަބަކީ ދެ އާޓްރީ އިނުމުން އަތުގައި ލޭ ދައުރުވާ މިންވަރު އިތުރުވާތީ އެވެ.