ލައިފްސްޓައިލް

ރިޝްވަތު ނުދީ ޑިގްރީ ހޯދަން މަސައްކަތް ކުރާތާ 17 އަހަރު

ބެޗްލާޒް އޮފް އެޑިޔުކޭޝަން ޑިގްރީއެއް އަމިތު ކުމާރު ފުރިހަމަ ކުރިތާ 17 އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާ ކިޔެވި ރާބީއެސް ކޮލެޖަށް އޭނާ މި ޑިގްރީ ސެޓްފިކެޓް ހޯދަން ހިނގާތާ ވެސް ހަމަ އެހާ ދުވަސް ވެއްޖެ އެވެ. މިއަދާ ހަމަޔަށް ވެސް އޭނާ ކެނޑިނޭޅި ކުރަމުން ދަނީ މި މަސައްކަތެވެ.

މިހާރު 40 އަހަރު ފުރިފައިވާ އަމިތު އަދިވެސް އެ ކޮލެޖަށް އޭނާގެ ޑިގްރީ ހޯދަން ބޭނުންވެގެން ދެއެވެ. ނަމަވެސް އޭނާއަށް މިހާ ދުވަސްވީއިރުވެސް ޑިގްރީ ނުލިބިގެން މިއުޅެނީ ހަމަ އެންމެ ކަމެއް ވެގެންނެވެ. އެމީހުން ރިޝްވަތުގެ ގޮތުގައި ދޭން ބުނާ 20،000 ރުޕީސް ނުދީގެންނެވެ. އަމިތު އަކީ ފަގީރަކަށް ވާތީ މިހާ ފައިސާ ލިބޭނެ ގޮތެއް އޭނާއަށް ނުވެގެންނެވެ.

ޓައިމްސް އޮފް އިންޑިޔާ އިން ބުނި ގޮތުގައި މިހާޜު މި މައްސަލަ އަމިތު ވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ލިޔެފަ އެވެ. ރިޝްވަތާ ނުލައި އޭނާގެ ޑިގްރީ ލިބޭނެ ގޮތެއް ހަދައިދިނުން އެދިފަ އެވެ.

އޭނާ ބުނި ގޮތުގައި ޑިގްރީ ނުލިބިގެން އެ ލިބޭތޯ ހިނގާތާ 17 އަހަރު ވެއްޖެ އެވެ. އަދި އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށް ދެން ކުރެވޭނެ އިތުރު ކަމެއް ނޭނގޭ ހިސާބަށް ދިއުމުން ބޮޑުވަޒީރުގެ ސަމާލުކަމަށް މިކަން ގެނެސް އެމަނިކުފާނުގެ އެހީތެރިކަމަށް އެދުނީ އެވެ.

އޭނާ ބުނި ގޮތުގައި ކޮލެޖުގައި ތިބި ކަމާ ބެހޭ މުވައްޒަފުން އެދެމުންދާ ފަދައިން ރިޝްވަތުގެ ގޮތުގައި 20،000 ރުޕީސް ދެވޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނެތެވެ.

މި ރިޕޯޓުގައިވާ ގޮތުން ޑިގްރީ ނުލިބިއްޖެނަމަ އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ވެސް އަމިތު ވަނީ ދީފަ އެވެ. އަދި ކޮލެޖުގެ ޗާންސެލަރަށާއި އިސް މީހުންނަށް ވެސް އޭނާ މި ޝަކުވާ ހުށަހަޅާފައި ވެއެވެ.

ސިސްޓަމް އަޕްޑޭޓްކޮށް އަމިތު އަށް ޑިގްރީ ދޫކުރުމުގެ ކަންތައްތަކާ އެބަ އުޅޭ ކަމަށް ކޮލެޖުގެ އިސް ވެރިޔަކު ބުނި ކަމަށް އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން އެ ޔުނިވަސިޓީން ކިޔެވި 50،000 އަށް ވުރެ ގިނަ ދަރިވަރުންނަށް އަދިވެސް ޑިގްރީ ދޫނުކޮށް ހިފަހައްޓާފައި ވެއެވެ.