ހަބަރު

ގާޒީ އިބްރާހިމް އަލީ އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް އޭނާ މިއަދު އިސްތއިުފާ ދެއްވައިފި އެވެ.

ގާޒީ އިބްރާހިމް އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވާފައިވާކަން އެ ކޮމިޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ގާޒީ އިބްރާހިމް އަލީގެ މައްޗަށް ޖޭއެސްސީން ބަލާފައިވާ މައްސަލަތަކަކީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން މައްސަލައިގެ ތުހުމަތު ކުރެވުނު މީހުން ބަންދުގަައި ބޭތިއްބުމަށް އަމުރު ކުރުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުގެ އެދުމުގެ މަތިން އެ ހުރިހާ މީހުން ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓްގައި ޕީޖީން އިސްތިއުނާފު ކުރުުމުން ކްރިމިނަލް ކޯޓްގެ އެ ނިންމުން ގޯސް ކަމަށް ނިންމުމާއި އަދި ޕީޖީން އެ މީހުންގެ ބަންދާއިމެދު ނިންމި ނިންމުން މުރާޖައާކުރަން އެދެފިނަމަ އެ މައްސަލާގައި އަލުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގޮަތަށް އަމަލު ނުކޮށް ގަސްތުގައި ލަސްކޮށްފައި ވާތީ އެވެ.

އަދި އެ މައްސަލާގައި ހިމެނޭ ވ. ބްލީނިއާގޭ މޫސާ އިބްރާހިމްގެ ބަންދާއިމެދު ގޮތް ނިންމަން އަލުން ހުށައެޅުމުން ވެސް ހައިކޯޓުން އަންގާފައިވާ އުސޫލާއި ހިލާފަށް އަމަލު ނުކޮށް އެ މައްސަލަ ނުނިންމާ ލަސްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. އަދި ޕީޖީން ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް އެ ސިޓީތަކަށްވެސް ގަޒީ އިބްރާހިމް އަލީ އެއްވެސް ޖަވާބެއް ނުދެއްވާ ކަމަަށާއި އެންމެ ފަހުން އެ މައްސަލާގައި އަޑުއެހުމެއް ބޭއްވީ ހަައިކޯޓުން އެންގުމުން ކަަަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ އަޑުއެހުމުގައިވެސް ގާޒީ އިބްރާހިމް އަލީގެ ބަސްމަގު ހުރީވެސް ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ކަމަށާ އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫން ކަމަށާ އެކަން ކުރަނީ މަތީ ކޯޓްގެ މަރުހަލާއަކުން އަމުރު ކުރުމުން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރަށް ގާޒީ އިބްރާހިމް އަލީ ވަކިކުރަން ނިންމިއިރު އަދިވެސް އޭނާގެ ސުލޫކާ ގުލޭ އިތުރު ތިން މައްސަލައެއް ދަނީ ޖޭއެސްސީން ބަލަމުންނެވެ. މި މައްސަލަތަކާއި ގުޅިގެން ގާޒީ އިބްރާހިމް އަލީ ވަނީ 60 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.