ހަބަރު

ބޮލަށް ބުރުމާ ކަށި ވެއްޓުނު ކުއްޖާގެ ސިކުޑިއަށް ލޭއެޅިފައި، ފަރުވާއަށް ބޭރަށް

Oct 14, 2015

މަސައްކަތް ކުރަމުން އައި އިމާރާތަކުން ވެއްޓުނު ބުރުމާ ކައްޓަކުން ބޮލުގައި ޖެހި މިއަދު ޒަހަމްވި ކުއްޖާގެ ސިކުޑިއަށް ލޭ އެޅި އިތުރު ފަރުވާޔަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މ. ކާޖްގެ ހަ ވަނަ ފަންގިފިލާގައި މިއަދު މެންދުރު ދޮރުފަތެއް ހަރުކުރަން އުޅެނިކޮށް ބުރުމާ ކަށިވެއްޓި ހިނގާފައި ދިޔަ 16 އަހަރުގެ ފިރިހެން ކުއްޖެއްގެ ބޮލުގައި ޖެހި ވަނީ ފަޅައިގެން ގޮސްފަ އެވެ. އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވީ ނާށިގަނޑު ފަޅައިގެން ގޮސް އޭނާގެ ސިކުޑިއަށް ކޮންމެވެސް ވަރަކަށް ލޭ އެޅިފައި ހުރި ކަމަށެވެ. އެހެންވެ ޑޮކްޓަރުން ލަފާދީފައި ވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެ އިންތިޒާމްތައް މިހާރު މި އަންނަނީ ހަމަޖައްސަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އިމާރާތް ކުރުމުގައި ސަލާމަތީ ފިޔަވަޅު ނޭޅުމަކީ އަބަދުވެސް ކުރިމަތިވަމުން އަންނަ މައްސަލަ އެކެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި އޭނާ ވަނީ މަރުވެފަ އެވެ. އަދި ލިފްޓް ގޮޅި ނުބައްދާ ހުރި ގެއެއްގެ ލިފްޓް ގޮޅީގެ ތެރެއަށް ހަތް މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ މާމަ ވެއްޓި ކުޑަ ދަރިފުޅު ވަނީ މަރުވެފަ އެވެ.