ރިޕޯޓް

ގެސްޓްހައުސް: ގޮންޖެހުން ބޮޑު ހުޅުވުމެއް!

މިދިއަ ޖުލައި 15 ގައި ބޯޑަރު ހުޅުވި ނަމަވެސް ރާއްޖޭގެ "ބަޖެޓް ޓްރެވަލް މާކެޓް" ނުވަތަ ރަށު ޓޫރިޒަމް ނުހުޅުވަ އެވެ. ސަބަބަކީ ރާއްޖޭގައި ބާރަށް ކޮވިޑް-19 ގެ ބަލި ފެތުރެމުން ދިއުމެވެ. އެހެންވެ ހުޅުވަން ތާރީހެއް ދިނުމަށް ފަހު ވެސް ސަރުކާރުން ވަނީ މި މަހުގެ 15 އަށް ބަދަލު ކޮށްފަ އެވެ. އަދި ރަށްރަށުގެ ގެސްޓްހައުސް ހުޅުވަން ހާއްސަ ތައްޔާރީތަކެއްވެ، އަންނަ ބުރާސްފަތި ދުވަހު ގެސްޓްހައުސްތައް އަލުން ވިޔަފާރިއަށް ހުޅުވަން ހުއްދަ ދޭނެ އެވެ. މިހާރު ސުވާލަކަށް ވާނީ މިމަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވާލުމާއެކު ކިހާ ތަނެއް ވިޔަފާރިއަށް ހުޅުވިގެންދާނެތޯ އެވެ؟ މި ވިޔަފާރި ކުރިއަށް ކުރާ އުންމީދު ތަކަކީ ކޮބައި ހެއްޔެވެ؟ ގެސްޓްހައުސް ތަކަށް ބުކިން ލިބެނީ ކިހާ ވަރަކަށް ހެއްޔެވެ؟

"ބައެއް ރަށްރަށުން ގެސްޓްހައުސްތައް ހުޅުވަން ހުށަހެޅުންތައް އެބަ ލިބޭ. މީގައި އެޗްޕީއޭގެ ގައިޑްލައިންސް އާއި އެސްއޯޕީގައި ހުރި ކަންކަން ފުރިހަމަ ކުރަން ޖެހޭ. އެކަންކަން ފުރިހަމަ ކުރާ ވަރަކުން ހުއްދަ ދެމުން ދާނީ. ބައެއް ހުށަހެޅުންތައް ލިބުމުން ބަލައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން އަންގަމުން މިދަނީ،" ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު އިއްޔެ ވިދާޅުވި އެވެ.

ކޮވިޑް-19 އަށްފަހު ގެސްޓްހައުސް ޓޫރިޒަމް އަލުން ފަށައިގަންނައިރު ފުރަތަމަ ހުޅުވަން ޖެހެނީ މި ވިޔަފާރިތައް ހިންގާ ރަށް ތަކެވެ. އެ ރަށެއްގެ ކައުންސިލުން ގައިޑްލައިން ފުރިހަމަ ކުރުމަށްފަހު ރަަށް ހުޅުވަން އިއުތިރާޒެއް ނެތްކަން އަންގަން ޖެހެ އެވެ. ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ އަންނާނީ އޭގެ ފަހުންނެވެ. މިހާލަތަށް ގެސްޓްހައުސް ވިޔަފާރި ދިޔައިރު، ކިތަންމެ ދަތި ކަމަށްވީ ނަމަވެސް ގެސްޓްހައުސް ހުޅުވުމަކީ ރާއްޖޭގެ ޓޫރިޒަމަށް މިހާރު މުހިންމު ކަމެވެ. ސަބަބަކީ ދުނިޔޭގެ ބަޖެޓް ޓޫރިޒަމަށް އޮތް ޑިމާންޑު މަތިވަމުން ދިއުމާއެކު މި ހާލަތުގައި ވެސް ގިނަ ބަޔަކު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަ ކުރަން އައުމުގެ ފުރުސަތާއި އެ އުންމީދު އޮތުމެވެ.

ގެސްޓްހައުސްތައް ހުޅުވާލަން ފުރުސަތު ދޭއިރު، ގިނަ ތަންތަނުން ހުރީ ހަގީގަތުގައި އެހީތެރި ކަމެއް ދީގެން ނޫން ގޮތަކަށް ނުހުޅުވޭ ވަރުގެ ހާލަތުގަ އެވެ. ބައެއް ތަންތަނުގައި ކަރަންޓު ބިލް ހުރީ ނުދެއްކި އެވެ. އަދި ބައެއް ތަންތަނުގެ ކުލި ނުދެއްކިގެން ތިބީ ހުއްޓުން އަރާފަ އެވެ.

ހުޅުވުންވެސް: ގޮންޖެހުން ބޮޑުކަމެއް

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އޮފިޝަލަކު އިއްޔެ ވިދާޅުވި ގޮތުގައި ހުޅުވަން މަސައްކަތް ކުރި ނަމަވެސް ވަގުތުން ވަގުތަށް ހުޅުވޭނީ މަދުތަނެކެވެ. އަދި މިހާލަތުގައި ގެސްޓްހައުސްތައް ހުޅުވަން ބައެއް ކައުންސިލް ތަކުން ނުރުހޭ ކަމަށް އެ އޮފިޝަލް ފާހަގަ ކުރެއްވި އެވެ.

"ފައިނޭންޝަލީ ވަރަށް ބޮޑަށް ބަލިވެފައި ތިބީ ގެސްޓްހައުސްތައް. އެހެންވެ، އަލުން ރީ-ސްޓާޓް ކުރަން ދަތި ތަކެއް އެބަހުރި. މި ތަންތަނަކީ ފައިނޭންޝަލީ މާކަބޮޑު ބެކިންއެއް ހުރި ތަންތަނެއް ނޫން. ގިނަ ތަންތަން ހުޅުވާފަ މި ހުރީ ސޭވިންގް އިން. އެހެންވީމަ ޗެލެންޖިން ކަމެއް މިއީ. އެކަމަކު ތައްޔާރުވަމުން މިދަނީ ހުޅުވަން،" އޮފިޝަލް ވިދާޅުވި އެވެ.

ގޭމް އިން ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކުރުމުން ހެދި ސާވޭއެއް ދެއްކި ގޮތުގައި މި ސިނާއަތަށް 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ވަނީ ވެފަ އެވެ. މި ގެއްލުން މިގޮތުގައި އޮތް ނަމަވެސް ގެސްޓްހައުސް ޓޫރިޒަމް ހުޅުވަން މި ތަންތަނުގެ ވެރިން ދަނީ ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މާލެ ސަރަހައްދަށް އަންނަ ޓްރާންސިޓް ގިނަ ޓޫރިސްޓުން މަޑުކުރާ، ޔޫއައި ހޮޓެލްސްގެ ވެރިޔާ އަހުމަދު ނާސިހު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ތަކުން ވަރަށް ބޮޑަށް ތައްޔާރު ވަމުންދެ އެވެ.

"ގައިޑްލައިންތަކާއި އެސްއޯޕީތައް ފުރިހަމަ ކުރުމަށްޓަކައި ފޯމްތައް ފުރައި ކަންކަން ފުރިހަމަ ކުރަމުން އެބަދޭ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހީވަނީ ނޮމެމްބަރު ހިސާބު ހެން ހުޅުވޭނީ،" ނާސިހު ވިދާޅުވި އެވެ.

ގެސްޓްހައުސް ހުޅުވަން ތައްޔާރު ވާއިރު މި މަހުގެ ތެރޭގައި އެންމެ ގިނަ ވެގެން ވެސް ހުޅުވޭނެ ކަމަށް ބެލެވެނީ 50 އެއްހާ ގެސްޓްހައުސް އެވެ. ނަމަވެސް އަންނަ މަހު އިތުރު ތަންތަން ހުޅުވާނެ ކަމަށް ބެލެވެ އެވެ. މި ވިޔަފާރި އެންމެ ބޮޑަށް ކުރާ ކ.މާފުށީގައި 15 ވަނަ ދުވަހު ފަސް ތަނެއް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. ގެސްޓްހައުސް ހުޅުވަން މާފުށި އޮތީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.

ބުކިން ލިބޭނެ ކަމުގެ އުންމީދުގައި

ގެސްޓްހައުސް ހުޅުވަން ތައްޔާރުވާއިރު ބުކިންތައް ލިބޭނެކަމުގެ އުންމީދު ވެސް ވަނީ އާވެފަ އެވެ. ސަބަބަކީ ޓޫރިޒަމްގެ އިތުބާރު އިތުރުވާނެ "ޕޮޒިޓިވް" ނިއުސް ތަކެއް މިވޭތުވެދިޔަ ދެ މަހެއްގެ ތެރޭގައި އައުމެވެ. ރާއްޖެ އަންނަ ޓޫރިސްޓުން އައުމުގެ ކުރިން ނެގެޓިވް ރިޒަލްޓެއް އޮތުމަކީ ދިވެހި ރައްޔިތުންނާއި ޓޫރިސްޓުންނަށް އޮތް އިތުބާރެކެވެ. އަދި ރާއްޖޭގެ ރަށްރަށުން ކޮމިއުނީޓ ސްޕްރެޑް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކޮވިޑުގެ ނަމްބަރުތައް ދަނީ ދަށްވަމުންނެވެ. މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް އިންޝުއަރެންސުގެ ރައްކާތެރިކަން ލިބިގެން ދިއުމަކީ ވެސް އެ މީހުންނަށް އިތުބާރު ބޮޑުވާނެ ކަމެވެ.

އެ މީހުން ރާއްޖެ އައިސް ކަމެއް ދިމާވެއްޖެނަ އަތުން އިތުރު ހަރަދުތަކެއް ނުގޮސް ސަލާމަތްވާނެކަމުގެ ޔަގީންކަން ލިބުމަކީ ލިބޭނެ ޔަގީން ކަމެކެވެ. އަދި ގެސްޓުން އާއްމު ގޮތެއްގައި ރަށު ޓޫރިޒަމަށް މީހުން އަންނަ ރަޝިއާ މާކެޓުން ޑައިރެކްޓް ފްލައިޓެއް ރާއްޖެ އަށް އަޅަމުން ދިއުމަކީ މި ސިނާއަތަށް އޮތް ބޮޑު ހިތްހަމަ ޖެހުމެވެ. މީގެ އިތުރުން ޔޫރަޕުން އަންނަ ފްލައިޓްތައް ވެސް ދަނީ އިތުރު ވަމުންނެވެ.

ރަޝިއާ އިން ގިނަ އަދަދެއްގެ ގެސްޓުން ގެންނަ އެއް ރަށް ކަމަށްވާ ތޮއްޑޫ، ސެރީނާ ގެސްޓްހައުސްގެ ވެރިޔާ، އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި މި މަހު އެ ރަށުގެ އޮކިއުޕެންސީ ދަށް ނަމަވެސް އަންނަ މަހުން ފެށިގެން ރަނގަޅުވާނެ ކަމަށް ދައްކާ ކަމަށެެވެ.

"އިރާދުކުރެއްވިއްޔާ ބުކިން ވެސް ރަނގަޅު. އަންނަ މަހު ވަރަށް ބޮޑުތަން ރަނގަޅު ވެގެންދާނެ. އެކަމަކު އެންމެ ރަނގަޅުވާނީ ޑިސެމްބަރު މަހު،" ކަރަމް ވިދާޅުވި އެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކާނި ގެސްޓްހައުސްގެ ވެރިޔާ، އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި އެ ގެސްޓްހައުސްއަށް 15 އިން ފެށިގެން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް އޮކިއުޕެންސީ އެންމެ ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެނީ ނޮވެމްބަރުމަހުން ފެށިގެން ކަމަށެވެ.

"ބުކިންތައް މިހާރު އެބަހުރި. އެންމެ ބޮޑަށް ރަނގަޅު ވާނީ ޑިސެމްބަރު މަހުން ފެށިގެން،" އަބްދުﷲ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޑިސެމްބަރު މަހު މާފުއްޓާއި ތޮއްޑޫ ފަދަ ރަށްރަށުގެ އޮކިއުޕެންސީ 50 ޕަސެންޓާއި 80 ޕަސެންޓަށް އުފުލޭނެ އެވެ. މިކަން ވެގެން ދާނީ މި ރަށްރަށުގެ އާއިލާ ތަކަށް ލިބޭނެ ހިތްހަމަ ޖެހުމަކަށެވެ. މިހާރު ކުރިއަށް އުންމީދު ކުރެވޭ ގޮތުގައި ޔޫރަޕުން އަންނަ ފްލައިޓްތައް އިތުރު ވަމުންދާތީ، އިތުރު ރަށްރަށަށް ވެސް ޑިމާންޑު ދާނި މަތިވަމުންނެވެ. އެހެންވެ މި މަހުގެ 15 ގައި ގެސްޓްހައުސް ހުޅުވާއިރު، މި ވިޔަފާރި ތިބީ އުންމީދުގަ އެވެ.