ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޓޫރިޒަމް ރަނގަޅު ވެދާނެ އުންމީދުގެ ހުޅުކޮޅެއް

މިދިޔަ އަހަރު ރާއްޖެ ނިންމާލީ 1.7 މިލިއަން މީހުންގެ ރެކޯޑަކާއެކުގަ އެވެ. އަދި މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ޓޫރިޒަމްގައި ދައްކަމުން ދިޔަ މި ރެކޯޑަށް ފަނޑު ކަމެއް ނާދެ އެވެ. އެހެންވެ، މި އަހަރު ދެ މިލިއަން ޓޫރިސްޓުންނާ ގާތަށް އަންނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި ދުނިޔެ އަށް ކުރމަތިވެ މާޗް ރާއްޖޭގެ މަހު ބޯޑަރު ބަންދު ކުރަން މަޖޫބޫރު ވުމާއެކު މުޅި މަންޒަރު ބަދަލު ވެގެން ދިޔަ އެެވެ. އަދި ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ޖުލައި މަހުގެ 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގިނަވުމުގައި މާކަބޮޑު އުންމީދެއް ނުފެނުނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު އައިސްފައިވަނީ 1.752 މީހުންނެވެ. ނަމަވެސް އޮގަސްޓް މަހު މި އަދަދު 7.629 އަށް މަތިވި އެވެ. އަދި އަލަށް ގިނަ އެއާލައިން ތަކެއް ފަށަމުން ދިއުމަކީ އުންމީދުގެ ހުޅުކޮޅެއްގެ ފެށުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މީގެ އިތުރުން އަންނަ މަހު ރާއްޖޭގެ ގެސްޓްހައުސްތައް އަލުން ހުޅުވަން ނިންމުމަކީ ޓޫރިޒަމަށް އޮތް ބޮޑު އުފާވެރި ހަބަރެއްގެ ގޮތުގައި މި ސިނާއަތުގެ ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.

"މިހާރު އާ ގިނަ އެއާލައިން ތަކެއް ފަށަމުން ދިއުމަކީ އުންމީދުއާވާނެ ކަމެއް. އެހެންވެ މިހާރު ބެލެވެނީ ކުރިއަށް އޮތް މަސް ތަކުގައި އެވްރެޖު ގޮތެއްގައި 10 ޕަސެންޓާއި 15 ޕަސެންޓުގެ އިންކްރީޒެއް ފެންނާނެ ކަމަށް،" ރާއްޖޭގެ އެންމެ ބޮޑުއެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ފިރާގު ވިދާޅުވި އެވެ.

ބޯޑަރު ހުޅުވަން ތައްޔާރު ވަމުން ދިޔައިރު، ސަރުކާރުން ބުނީ މި އަހަރު 800،000 މީހުން އަންނާނެ ކަމަށެވެ. މާނައަކީ ޖުލައި މަހު އެކަނި 10،000 މީހުން އަންނާނެ އެވެ. ނަމަވެސް ދުނިޔެ އަށް ބަލައި މިހާރު ބުނެފައިވަނީ އެންމެ ގިނަ ވެގެން ވެސް އަންނާނީ ލައްކައެއްހާ މީހުން ކަމަށެވެ. މިހާރު ޓޫރިޒަމް އެރައިވަލް ބިނާވެފައިވަނީ މަތިންދާ ބޯޓުން މީހުން އަންނަ ނިސްބަތުގެ މައްޗަށެވެ. ބޯޑަރު ހުޅުވި ފަހުން ކުރިން ފަށައި، ނަމަވެސް ފަހުން މެދުކަނޑާލި އެއާލައިން ތަކެއް ވެސް އައިސްފި އެވެ. މި އެއާލައިން ތަކުން އިރުމަތީ ޔޫރަލާއި ރާއްޖެ މި ވަނީ ގުޅާލާފަ އެވެ. މިގޮތުން ފަހުން ފެށި ރަޝިޔާގެ ގައުމީ އެއާލައިން އާއި ފަށަން ނިންމި ފްލައި ދުބާއީ ހިމެނެ އެވެ.

"ފްލައި ދުބާއީ އިން ވެސް ގުޅިގެންދާނީ ޔޫރަޕާ. ރަޝިއާއާ. އެހެންވީމަ އިންކްރީޒެއް ފެންނާނެ ކަމަށް އުންމީދުއެބައޮތް. މީގެ އިތުރުން އަންނަ މަހު ރަޝިއާ އިން އިތުރު އާ ފްލައިޓެއް ފަށަން ވެސް މަޝްވަރާ ކުރެވެމުން އެބަދޭ. މިއީ ރަނގަޅު ބަދަލަކަށް ވާނެ،" ގިނަ އެއާލައިން ތަކެއްގެ އެޖެންޓުކަން ވެސް ކުރާ، ކުންފުނިން ވާހަކަ ދެއްކި ފިރާގު ވިދާޅުވި އެވެ.

ޓޫރިޒަމް ރަނގަޅުވެދާނެ ކަމުގެ އަނެއް އުންމީދަކީ ގެސްޓްހައުސްތައް އަންނަ މަހު ހުޅުވަން ނިންމުމެވެ. މިހާރު ދުނިޔެ އޮތްގޮތުން ގިނަ ބަޔަކު ބަޖެޓުކޮށް ދަތުރުކޮށް ބޯހަމަ ޖާއްސާލަން ބޭނުން ވާނެ އެވެ. އަދި ކޮވިޑް-19 އާ ހަމަ އަށް ވެސް އެރައިވަލްސްގެ މުހިންމު ރޯލެއް ގެސްޓްހައުސް ކުޅެމުން ދިޔަ އެވެ. އެހެންވެ މިއީ ރަނގަޅު ބަދަލަކަށް ވެދާނެ ކަމަށް މާހިރުން ގަބޫލު ކުރެ އެވެ. ގެސްޓްހައުސް ހުޅުވުމުގެ ތާރީހު ދިނުމާއެކު ނޮވެމްބަރު އަދި ޑިސެމްބަރު މަހަށް ދަނީ އެކަށީގެންވާ ވަރަކަށް ބުކިން ލިބެން ފަށާފަ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ފުރަތަމަ ބޯޑަރު ހުޅުވާލީ ޔޫއޭއިންނެވެ. އެ ގައުމުން 2،067 މީހުން ވަނީ އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ރަޝިއާއިންނެެވެ. އެ ގައުމުން 1،745 މީހުން އައިސްފައިވެ އެވެ.

އަވަސް އަށް ދެއްކި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ގެސްޓްހައުސް ހުޅުވުމަކީ އުންމީދެއް ކަމަށާ، މިކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ މި މޮޑެލްއަކީ ދުނިޔެ ނަމޫނާއެއްގެ ގޮތުގައި ބަލާނެ މޮޑެލްއަކަށް ހެދުން ކަމަށެވެ.

"ގެސްޓުންނާއި ރަށު ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ބޭނުންވަނީ.އަނެއް ކަމަކީ އިގްތިސޯދީ ގޮތުން ކުރިއަށް ގެންދިއުން. މިގޮތުން އިރާދުކުރެއްވިއްޔާ ކާމިޔާބު ވާނެ،" މައުސޫމް ވިދާޅުވި އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ތާރީހު ދިނުމާއެކު ނޮވެމްބަރު އަދި ޑިސެމްބަރު މަހަށް ދަނީ އެކަށީގެންވާ ވަރަކަށް ބުކިން ލިބެން ފަށާފަ އެވެ. މި ވިޔަފާރި ކުރާ ގިނަ ރަށްރަށުން ބުނާ ގޮތުގައި ބަޖެޓް ޓޫރިސްޓުން އަންނަ މާކެޓުތައް ހުޅުވޭނަމަ އަންނަ މީހުންގެ އަދަދު ގިނަ ވާނެ އެެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ކުރާ އެއް ކުންފުނި ކަމަށްވާ ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި އަހަރުގެ ފަހުކޮޅަށް ގިނަ ބުކިން ތަކެއް އެބަހުރި ކަމަށެވެ.

"އަހަރުގެ ފަހުކޮޅަށް ޑިސެމްބަރު މަހު އޮކިއުޕެންސީ 80 ޕަސެންޓަށް އަރާނެ. ހުޅުވާ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ވެސް އެބަތިބި 50 މީހުން މިއީ ނިސްބަތުން ބަލާއިރު މިހާރު ޓޫރިސްޓުން އަންނަ އަދަދުން ބެލިނަމަވެސް ގިނަ އަދަދެއް. އެހެންވެ ބުކިންތައް އެބަލިބޭ. އެކަމަކު މުޅިން ރަނގަޅުވާނީ މެލޭޝިއާ ފަދަ ގައުމުތަކުގެ ބޯޑަރު ހުޅުވިގެން އެއާ އޭޝިއާއިން ދަތުރު ފެށީމަ،" ނަޝީދު ވިދާޅުވި އެވެ.

އާ އެއާލައިންތަކެއް އަންނަމުން ދާއިރު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ އޮކިއުޕެންސީވެސް ދަނީ މައްޗަށް ޖެހެމުންނެވެ. ޕްރައިވެޓް ޖެޓުގައި އަންނަ މީހުންގެ އަދަދު ދަނީ ނިސްބަތުން މަތިވަމުންނެވެ. މިފަހުން މަޝްރޫއު ބައެއް ރިސޯޓުތަކަށް ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ވަނީ އައިސްފަ އެވެ. މިފަދަ ހައި އެންޑް ރިސޯޓުތަކުގެ އޮކިއުޕެންސީއަށްވެސް ދިރުން ލިބިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ރާއްޖޭގެ އިކޮނޮމީ މިހާރު ބޭނުންވަނީ އަވަހަށް ޓޫރިޒަމްގެ ބޮޑު ނަމްބަރެކެވެ. އެހެންވެ މި އަދަދު ގެންނަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެހެންވެ އާ އެއާލައިން ތަކެއް ފެށުމާއި ގެސްޓްހައުސް ހުޅުވާ ތާރީހުގެ ސަބަބުން ޓޫރިޒަމް ރަނގަޅު ވުމުގެ އުންމީދި މިވަނީ އާވެފަ އެވެ.