ސާމްޕަލް ނަގަން އުޅުނު ހެލްތު ފްރޮންޓްލައިން އޮފިޝަލަކަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން ކަމަށް ބުނާ މައްސަލަ ހޫނުވުމުން އޭނާ އެކަމަށް މައާފަށް އެދިވަޑައިގެންފި އެވެ.
އިކްރާމް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ އާއި އޭނާގެ މަންމައާ ބައްދަލްކޮށް ކުރެވުނު ކަންކަމަށް މައާފަށް އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު ޝިފްނާ [ސާމްޕަލް ނެގި ސިއްހީ އޮފިޝަލް] އާއި ޝިފްނާގެ މަންމައާ ބައްދަލު ކުރިން. އަދި އަޅުގަނޑަށް ބުނެވުނު/ކުރެވުނު ކަންކަމަށް މައާފަށް އެދުނިން. މި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެޗްއީއޯސީގެ އާރުއާރްޓީ ޓީމުގެ ހުރިހާ މުވައްޒިފުންގެ ކިބައިން މައާފަށް އެދެން،" ފޮޓޯއަކާއެކު އިކްރާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިކްރާމް މައާފަށް އެދިވަޑައިގެންފައި މިވަނީ ސާމްޕަލް ނަގަން އުޅުނު ހެލްތު ފްރޮންޓްލައިން އޮފިޝަލަކަށް ހަމަލާދީ ކަމަށް ފެތުރުނު ވާހަކަތައް ތަކުރާރުކޮށް ދޮގު ކުރުމަށްފަހު އެވެ. އަދި އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ.
މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) ވަނީ އިކްރާމްގެ މައްސަލަ ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީއަށް ހުށައަޅާފައެވެ. އެ ޔޫނިއަންއިން މިއަދު އެކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނީ އިކްރާމްގެ ސާމްޕަލް ނެގި ހިދުމަތްތެރިޔާއަށް ދެ ފަހަރެއްގެ މަތިން އަތް އިސްކޮށް، އެއް ފަހަރު އަތުގައި އަނެއް ފަހަރު ފޭސް ޝީލްގައި އަތްލާ އޭނާއަށް އަނިޔާކުރާނަމަ ޖެހުމުގެ ހައްގުގެ އޮންނާނެ ކަމަށާ އަދި ޖަހާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާ ކަމަށެވެ. އަދި އޭނާއަކީ މަޖިލީސް މެންބަރެއް ކަމަށާ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާގެ މައްސަލަ ފުލުހަށް ހުށައަޅާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހިދުމަތްތެރިޔާގެ ނަން ހޯދަން ތަކުރާރުކޮށް މަސައްކަތް ކޮށް އެ ހިދުމަތްތެރިޔާއަށް ނިސްބަތްކޮށް "ތިއީ މުސްލިމެއް ނޫން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދައްކާފައިވާ ކަމަށްވެސް އެމްއެޗްޕީޔޫއިން ބުންޏެވެ.
ފުލުހުންވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.