ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ގުދަން ކުރެވުނު ގޮތުން ޓެސްޓް ކިޓްތަކެއް ހަލާކުވެއްޖެ

ގުދަން ކުރުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ކިޓްތަކެއް ހަލާކުވެފައިވާ ކަމަަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މައްސަލަ ދިމާވެފައިވަނީ މިވަގުުތު ގުދަން ކޮށްފައިވާ ޓެސްޓް ކިޓްތަކުގެ ތެރެއިން ބައެއް ކިޓްތަކަށް ކަމަށެވެ. އެކަން ފާހަގަ ކުރެވުނީ ބައެއް ކިޓްތަކުން ފުރިހަމަ ނަތީޖާ ނުނިކުންނާތީއެވެ. ނަޒްލާ ވިދާޅުވީ އެ ކިޓްތައް ހަލާކުވީ ގުދަން ކުރުމުގައި ދިމާވި މައްސަލައަކުންނެވެ.

ނަޒްލާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޒިންމާވާން ޖެހޭ މީހުން ޒިންމާކުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަތުގައި ހުރި ޓެސްޓް ކިޓްތަކުގެ ތެރެއިން އެއް ޓެސްޓް ކިޓްގެ ބެޗަކުން ފުރިހަމަ ނަތީޖާ ނުނިކުންނާތީވެ، މިކަން ފާހަގަކުރެވިގެން ބެލި ބެލުމުން މިއީ ގުދަން ކުރުމުގައި ދިމާވި މައްސަލައަކުން ވީ ކަމެއްކަން ވަނީ އެނގިފައި. މިކަަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ، ޒިންމާދާރު ކުރުވަންޖެހޭ ފަރާތެއް ހުރިތޯ ބެލުމުގެ ކަންކަން އެ އޮންނަ އުސޫލުތަކުގެ ކުރިއަށް އެބަދޭ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މައްސަލަ ޖެހުނު ބެޗްގައި 3،000 ޓެސްޓް ކިޓް ހިމެނޭ ކަމަށާ ނަމަވެސް ހުރިހާ ކިޓްތައް އުކާލަން ނުޖެހޭ ކަމަށެވެ. އަދި ކިޓްތައް ހަލާކުވިޔަ ނުދިނުމަށް މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށާ އެސްޓީއޯ ކޯލްޑް ސްޓޯރޭޖްގައި ބެހެއްޓޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ނަޒްލާ ވަނީ ސުވާލު އުފެދޭ ނަތީޖާއެއް ރިޕޯޓް ކުރެވިފައިނުވާނެ ކަމުގެ ޔަގީންވެސް ދެއްވާފައެވެ. މިވަގުތު ރާއްޖޭގައި 20 ދުވަހަށް ބޭނުންވާ 40،000 ރިއެކްޝަން އެބަހުއްޓެވެ. އަދި އޭޑީބީ ޕްރޮޖެކްޓުން ލިބޭ 50،000 ރިއެކްޝަން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.