އެޗްޕީއޭ

ގެސްޓް ހައުސް ހުޅުވުމާއެކު މާސްކު މަޖުބޫރުވާނެ

ގެސްޓްތައް ހުޅުވުމުން ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުވާނެކަން ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހަނދާން ކޮށްދީފި އެވެ. ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް މި މުއްދަތުގައި ހުއްދަ ނުދޭނެ އެވެ.

ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީގައި ބުނެފައިވަނީ ގެސްޓްތައް ހުޅުވުމުން ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅަން ޖެހޭނެ ކަމަށެވެ. އަދި ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައިވެސް މާސްކު އަޅަން ލާޒިމް ކޮށްފައިވެއެވެ. މީގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނުހިންގާ ރަށަކަށް ދާނަމަ 14 ދުވަހު ކަރަންޓީންގައި ހުންނަން ޖެހެއެވެ. ނަމަވެސް އާ އެސްއޯޕީގައި އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ކަރަންޓީން ނުވެ އެފަދަ ރަށްރަށަށް ދެވިދާނެ ކަމަށް ބުނެފައިވެއެވެ. އެ ހުއްދަ ދޭނީ އިމާޖަންސީ ފަރުވާއެއް ހޯދުމަށް ނުވަތަ އެފަދަ މުހިންމު ހާލަތެއްގައެވެ. ނަމަވެސް ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ހިންގާ ރަށަކަށް ދާނަމަ ކަރަންޓީންވާން ނުޖެހޭނެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީގެ ހަނދާން އައުކޮށްދީފައެވެ. އަދި ވިދާޅުވީ އެކަމާއި ގުޅޭ އެންގުން ވަރަށް އަަވަހަށް އާންމު ކުރާނެ ކަމަށެވެ.

އާ އެސްއޯޕީގައި ވާ ގޮތުން ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނުހިންގާ ރަށަކަށް އެއްވެސް ފަތުރުވެރިއަކަށް ނުދެވޭނެ އެވެ. ނަމަވެސް އެޗްޕީއޭގެ މޮނިޓަރިންގައި ނެތް ގެސްޓް ހައުސް ހިންގާ ރަށަކުން އެފަދަ އެހެން ރަށަކަށް ފަތުވެރިންނަށް ދަތުރު ކުރެވޭނެ އެވެ. އަދި ރިސޯޓްތަކަށްވެސް އެ ފަތުރުވެރިންނަށް ދަތުރުކުރެވޭނެ އެވެ. އެހެން ނަމަވެސް ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ސަފާރީތަކަށް ދަތުރުކުރުން މަނާވާނެ އެވެ،

އަދި ގެސްޓްހައުސްތަކަސް އަންނަ ފަތުރުވެރިންނަށް އެ ރަށްރަށުގެ ގޭބީސީތަކަށް ޒިޔާރަތް ކުރުންވެސް މަނާވާނެ އެވެ. ނަމަވެސް ރަށުގެ އެހެން ތަންތަނަކަށް ޒިޔާރަތް ކުުރުން މަނަލެއް ނުކުރެއެވެ. އާ އެސްއޯޕީގައި ގެސްޓް ހައުސްތަކުންވެސް ގިނަ ކަންތައްތަކެއް ކުރުމަށް ލާޒިމްކޮށްފައިވެއެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ ފަތުުރުވެރިންނާއި ކަރަންޓީންވާން ޖެހޭ ފަތުރުވެރިންނަށް ވަކި އަދަދަކަށް ކޮޓަރި ހާއްސަކުރަން ޖެހެއެވެ. އެ ކޮޓަރިތައް ބަހައްޓަން ޖެހެނީ އެ ކަމަށް ހާއްސަކޮށްގެންނެވެ. އަދި ސާފުތާހިރު ކަމުގެ ގޮތުން ކުރަން ޖެހޭ ކަންކަމާއި މުވައްޒިފުން އަމަލު ކުރަން ޖެހޭ ގޮތްވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން ރަށުގެ ކައުންސިލްގެ މައްޗަށްވެސް ގިނަ ކަންތައްތަކެއް ކުރުމަށް ލާޒިމްކޮށްފައިވެއެވެ.

ރާއްޖޭގައި 600 ގެސްޓްހައުސް ހުރިއިރު، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފައިވާ ގޮތުގައި ގެސްޓްހައުސް ސިނާއަތަށް ކޮވިޑް-19 ގެ ސަބަބުން 30 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ.