އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ވާޗުއަލްކޮށް ބޭއްވެވި ބައްދަލްވުމުގައި އިންޑޮނީޝިއާ އަދި މެލޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައިކޮމިޝަނަރުންނާއި، ލާއޯސް އާއި ފިލިޕީންސް އާއި ތައިލެންޑް އަދި ވިއެޓްނާމް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެ އާއި އާސިއާންގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރާއި ސަފީރުން ހިއްސާ ކުރެއްވިއެވެ. އަދި ރާއްޖެއާއި އާސިއާންގެ ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމާއި މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.