ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެންޓިބޮޑީ ޓެސްޓް ފުރަތަމަ ކުރާނީ ސުކޫލް ކުދިން

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް ހަދަން ފަށާ އެންޓި ބޮޑީ ޓެސްޓް އެންމެ ފުރަތަމަ ކުރާނީ ސުކޫލް އުމުރުފުރާގެ ކުދިންގެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑްގެ އެއްވެސް އަލާމާތް ނުފެނި ބަލިޖެހިފައި ހުރިކަން ނޭނގި އެތަށް ބަޔަކު ރަނގަޅުވެފައި ވެއެވެ. އެޗްއީއޯސީން ބުނީ ރާއްޖޭގެ މުޅި އާބާދީގެ ތެރެއިން ކޮވިޑް ޖެހުނު މީހުންގެ އަންދާޒާއެއް ކުރަން އެންޓިބޮޑީ ޓެސްޓް ހަދަން ނިންމާފައިވާ ކަމަށެވެ. ރާއްޖެއިން ބަލި ޖެހުނު ކަމަށް އެސްޓިމޭޓް ކުރެވޭ އަދަދެއް ހޯދަން ކުރަން ނިންމާފައިވާ މަސައްކަތަށް ސްޓަޑީ ޕްލޭން ހަދާ އެ މަސައްކަތް އެޕްރޫވް ކޮށް ނިމިފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ އެންޓި ބޮޑީ ޓެސްޓް ހަދަން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އެންޓި ބޮޑީ ޓެސްޓް އެންމެ ފުރަތަމަ ކުރާނީ ސުކޫލް އުމުރުފުރާގެ ކުދިންގެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"މި ޓެސްޓްތައް ހަދަން ޖެހެނީ އާބާދީގެ ހުރިހާ އުމުރުފުރައެއްގެ. އެހެންވީމަ އެންމެ ފުރަތަމަ މި ފެށެނީ ސުކޫލް އުމުރުފުރާގެ. މި ހަފްތާގައި ޓެސްޓް ހެދުމުގެ ކަންކަން ފެށޭނެ،" ނަޒްލާ ވިދާޅުވިއެވެ.

އެ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކުގަ އެވެ.

ކޮވިޑްގައި ރާއްޖެއިން 218 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 10,943 މީހަކަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. އެމީހުންނަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ މިހާތަނަށް ނެގި 170،000 ވުރެ ގިނަ ޓެސްޓުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 9،783 މީހުން ވަނީ ބަލިން ރަަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 80 އިންސައްތައެވެ. މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ 1،118 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނީ 68 މީހުންނެވެ. އޭގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ރާއްޖެއިން 35 މީހަކު ވަނީ މަރުވެފައެވެ.