ހަބަރު

ވެންޓިލޭޓަރު މައްސަލާގައި އަމީން އަނެއްކާވެސް ކޮމިޓީއަށް ހާޒިރުކުރަނީ

Oct 13, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެޖެންޑާކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަގާއި އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން މިހާރު ދެ މަހެއްހާ ދުވަސްވެފައިވާއިރު، މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށް މިއަދު ހެނދުނު 11:00 ގައި އަމީން ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އެޖެންޑާ ބުނެފައިވަނީ އަމީން ހާޒިރުކުރަނީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

އެ މައްސަލާގައި މީގެ ކުރިން އަމީން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ދުވަހު އަމީން ވިދާޅުވީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ހެލްތު މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.