ހަބަރު

ކުރީގެ މިނިސްޓަރު އަމީން މަޖިލީހަށް ދޮގު ހެދި މައްސަލަ މާދަމާ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާކަމަށް މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ތާވަލުކޮށްފި އެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏެއްކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ބަލާފައިވަނީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ.

އެ ކޮމިޓީއަށް އަމީން ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ވެންޓިލޭޓަރުތައް ގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވި ކަމަށާއި، އެ ޖަމިއްޔާއާއެކު ކުރެވުނީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.

"އަޅުގަނޑު ހެލްތު މިނިސްޓަރުގެ ހައިސިއްޔަތުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓަޓިވްއާ ދެކެވޭ ވާހަކަތަކަކީ ރަސްމީ މުއާމަލާތް. ފަރުދީ ގޮތެއްގައި އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކައެއް ނޫން. އަދި އެ ހާލަތުގައި އެއީ އަޅުގަނޑުމެން ފޯނުން ދައްކާ ވާހަކައަކަށް ވިޔަސް މެސެޖަކުން ވިޔަސް ސިޓީ ބިޓީ އެންމެ އެކަށީގެންވާ ގޮތެއްގައި ފޮނުވިފައި ނެތުމަކީ ޑަބްލިޔުއެޗްއޯ އާއެކު މަޝްވަރާ ނުކުރެވޭ ކަމަށް ބެލެވޭނެ ހެއްކެތް ނެތް،" ކޮމިޓީގައި އަމީން ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މިދިއަ މަހުގެ 25 ވަނަ ދުވަހު ކޮމިޓީން ވަނީ ކަމާގުޅޭ ލިޔުންތަކާއި އަމީން ދެއްކެވި ވާހަކަފުޅުތަކަށް ރިއާއަތްކޮށް، އޭނާ މަޖިލީހަށް ގަސްތުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމަށް، އިއްތިފާގުން ފާސްކޮށްފައި އެވެ.

ކޮމިޓީން ނިންމި ނިންމުން މާދަމާ ހަވީރު ތާވަލުކޮށްފައިވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައިވާއިރު، ކޮމިޓީން ނިންމިގޮތަށް މާދަމާ ފާސްކުރާނެކަމަށް ބެލެވެ އެވެ.

މަޖިލީހުގެ އިިމްތިޔާޒުތަކުގެ ގާނޫނުގައި ބުނާ ގޮތުން މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުން ފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަަލަށްލުމެވެ.

ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ އަމީން ހިމެނޭގޮތަށް ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ޕީޖީ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އެކަން ވަރަށް ބޮޑަށް ހޫނުވެ، މަޖިލީހުންވެސް އެކަން ބަލައި، ދައުވާނުކުރަން ނިންމި ނިންމުން މުރާޖައާ ކުރަން ޕީޖީގައި އެދެން ވަނީ ފާސްކޮށްފައި އެވެ. އަދި އެ ނިންމުން މުރާޖައާކޮށްދޭން އޭސީސީންވެސް ވަނީ ޕީޖީ އޮފީހުގައި އެދިފައި އެވެ.